07 Dec 2011, 09:47
ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާއެއް މާލޭގެ އެއްވެސް ތަނެއްގައި ބާއްވައިފި ނަމަ، ޖާނުން ފިދާވުމުގެ ހަމަލާ ދޭނެ ކަމުގެ އިންޒާރު ބަޔަކު ދެމުންދާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޑީއާރުޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއް ތަސްމީނަށް ދޭނެ ކަމުގެ އިންޒާރުދީ މިދިޔަ ހޯމަ ދުވަހު މާލޭގެ އެކި ސަރަހައްދުތަކަށް ލިޔުންތަކެއް އަޅާފައިވާ ކަމަށެވެ.
ރޭ އިރާކޮޅު ބަޔަކު މީހުން ތަސްމީންގެ، މއ. ޝީރާޒީގޭގެ ގޭޓަށް ހަމަލާދީފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން ޑީއާރުޕީގެ ހަރުގެއަށް ރޭ ބަޔަކު ވަދެ އެ ތާނގައި ހުރި ގޮނޑި އާއި މޭޒުގެ އިތުރުން އެހެނިހެން ބައެއް ތަކެތި އުކާލައި ހަރުގެ އަށް ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.
"މިފަހަކަށް އައިސް ޑީއާރްޕީގެ ހަރުގެއަށާއި ޑީއާރްޕީގެ ލީޑަރުގެ ގެކޮޅަށް ދެމުންދާ ހަމަލަތައް އިތުރުވަމުންދާ އިރު، ޑީއާރްޕީގެ ޖަލްސާތައް ކުރިއަށްގެންދާ ވަގުތުތަކުގައި ވެސް ޖަލްސާއަށް ހުރަސްއެޅުމުގެ ގޮތުން ތަފާތުއަމަލްތައް ދަނީ ހިންގަމުންނެވެ،" ބަޔާނުގައިވެ އެވެ.
ފުލުހުންގެ ސަބްއިނިސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޑީއާރްޕީގެ ލީޑަރުގެ ގެކޮޅާއި އެޕާޓީގެ ހަރުގެއަށް ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި ނަމަވެސް ލީޑަރު ތަސްމީން ބާއްވާ ޖަލްސާއަށް ޖާނުން ފިދާވެގެން ބަޔަކު ހަމަލާ ދޭނެކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް އަދި ހުށައަޅާފައި ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޑިއާރުޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މީގެ ކުރިން ވެސް ޑީއާރުޕީގެ ހަރުގެ އަށް ބަޔަކު މީހުން ވަނީ ހަމަލާދީފައިވާ ކަމަށާއި އެ ފަދަ އަމަލުތަކަކީ ޑީއާރުޕީގެ ލީޑަރަށާއި މުޅި ޑީއާރުޕީ އަށް ބިރުދެއްކުމުގެ ގޮތުން ބަޔަކު މީހުން ރާވައިގެން ކުރިއަށް ގެންދާ ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލުތަކެއް ކަމަށެވެ.