މި އަހަރުގެ ހަ ވަނަ ހަފްތާ ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން އިއްޔެ އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާ ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ.

މި މުއްދަތުގެ ތެރޭގައި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި ދައުލަތަށް 867.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީއެސްޓީގެ ގޮތުގައި 900 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭ ހިމެނެނީ ޖެނެރަލް ގުޑްސް އެންޑް ސާވިސަސް ޓެކްސްގެ ގޮތުގައި ލިބުނު 325.2 މިލިއަން ރުފިޔާ އާއި ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 575.1 މިލިއަން ރުފިޔާ އެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 381 މިލިއަން ރުފިޔާ މި މުއްދަތުގައި ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކައެވެ.

މިއަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 29.9 ބިލިއަން ރުފިޔާ އެވެ.