ވޮޝިންގޓަން (ޑިސެމްބަރ 8) : ބަނގުރާ ބޮއިގެން މަސްތުވެފައިވާ ޙާލުގައި ކާރު ދުއްވިކަމުގެ ތުހުމަތު ތަކަކާ ގުޅިގެން އެމެރިކާގެ ފެޑްރަލް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ވެރިޔާ ރެންޑީ ބެބިޓް މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.

އުމުރުން 65 އަހަރުގެ ރެންޑީ ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޮއިގެން މަސްތުވެފައިވާ ޙާލުގައި ކާރު ދުއްވުމާގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ކަމަށް ރޮއިޓާސް ޚަބަރުދެ އެވެ. ކުރީގެ ޕައިލެޓެއް ކަމަށްވާ ރެންޑީ އެމެރިކާގެ ފެޑްރަލް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ވެރިޔާގެ މަޤާމާ ޙަވާލުވެފައި ވަނީ 2009 އަހަރުގަ އެވެ.

މިކަމާ ބެހޭ ގޮތުން ރެންޑީ ނެރުއްވި ބަޔާނުގައި އެމެރިކާގެ ޓްރާންސްޕޯޓް މިނިސްޓަރު ރާއި ލުހޫދް، އޭނާގެ އިސްތިއުފާ ޤަބޫލުކުރައްވާފައިވާ ކަމަށް ބުނެފައިވެ އެވެ. އަދި އެމެރިކާގެ ސިވިލްއޭވިއޭޝަންގެ ދާއިރާ އާ ދެން ޙަވާލުވާ ވެރިއަކު އެ ދާއިރާ ކުރިއެރުވުމަށް މަސައްތައް ކުރެއްވުމަށް ރެންޑީގެ ބަޔާނުގައި އެދިވަޑައިގެންފައިވެ އެވެ.

ބަނގުރާ ބޮއިގެން މަސްތުވެފައިވާ ޙާލުގައި އާންމު މަގުތަކުގައި ކާރު ދުއްވި މީހަކު އެމެރިކާގެ ފެޑްރަލް ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ވެރިޔާގެ މަޤާމުގައި ހުންނެވުމަކީ އެ އިދާރާގެ މަސައްކަތްތަކުގެ ފެންވަރާއި އެތަނުގެ ސަލާމަތީ ނިންމުންތާ މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށް އެމެރިކާގެ މީޑިޔާ ބުނެ އެވެ. (ރޮއިޓާސް)