ކުވައިތު ސިޓީ (ޑިސެމްބަރ 8) : ކުވައިތުގެ އަމީރު އައްޝައިޚް ސަބާޙުލް އަޙްމަދު އެ ޤައުމުގެ ޕާލަމެންޓް އުވާލައްވައިފި އެވެ. އަމީރު ޕާލަމެންޓް އުވާލެއްވީ އެ ޤައުމުގެ ދަސްތޫރުގެ 107 ވަނަ މާއްދާގެ ދަށުންނެވެ. މިމާއްދާ ބުނާގޮތުން ޕާލަމެންޓް އުވާލަން ޖެހޭ ޙާލަތެއްގައި އުވާލައިފި ނަމަ ދެ މަސް ދުވަހުގެ ތެރޭގައި އައު ޕާލަމެންޓެއް އިންތިޚާބުކުރަންޖެހޭނެ އެވެ.

ކުވައިތުގެ ޕާލަމެންޓް އުވާލީ ޕާލަމެންޓްގެ އެތެރޭގައި ސިޔާސީ ކޯޅުން ބޮޑުކަމުން ޤައުމުގެ މަސްލަޙަތަށް މިވަގުތު އެންމެ ރަނގަޅު ގޮތަކީ މިފިޔަވަޅު އެޅުން ކަމަށް އަމީރު ދެކެވަޑައިގަންނަވާތީ ކަމަށް މިކަމާ ބެހޭ ގޮތުން އަމީރު ނެރުއްވި ބަޔާނުގައިވެ އެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރި އެކްޓިވިސްޓުންނާއި ޢާންމުންގެ ބަޔަކު ކުވައިތުގެ ކުރީގެ ބޮޑުވަޒީރު ނާސިރުއް ސަބާޙްގެ އިސްތިއުފާއަށް ގޮވާލައި މުޒާހަރާކުރުމަށް ފަހު އެތައް ހާސްބަޔަކު ދާދިފަހުން ކުވައިތުގެ ޕާލަމެންޓް ޢިމާރާތަށް އަރައިގެންފައިވެ އެވެ.

ޑިމޮކްރަސީއަށް ގޮވާލާ އެކްޓިވިސްޓުން ކުރިޔަށްތިބެގެން ކުވައިތުގެ އެތައް ހާސްބަޔަކު މިދިޔަ މަހުގެ މެދެއްހާ ހިސާބު ޕާލަމެންޓަށް އަރައިގަތީ ސަރުކާރު އިސްތިއުފާދިނުމަށް ގޮވާލައި ސުލްޙަވެރިކަމާއެކު ކުރި އިޙްތިޖާޖްތައްރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމާ އެކު އެތައް ބަޔަކަށް އަނިޔާވުމުންއެކަން ކުވައިތު ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ކަމަށް އެމީހުން ބުނެފައިވެ އެވެ.

މިފިއްތުންތަކާ އެކު ކުވައިތުގެ ސަރުކާރު މިދިޔަ މަހުގެ ފަހުކޮޅު އިސްތިއުފާދިނުމުން ޕާލަމެންޓްގެ ރައީސް ޖާސިމްއަލްޚުރާފީ ވަނީ ޕާލަމެންޓްގެޖަލްސާތައް ވަގުތީގޮތުން މެދުކަނޑާލައްވާފަ އެވެ. އެއަށް ފަހު އަމީރުގެ އެންގެވުމުގެ މަތިން ކުވައިތުގެ ކުރީގެ ސަރުކާރުގެ ދިފާޢީ ވަޒީރު ޖާބިރުލްމުބާރަކްގެ ބޮޑުވަޒީރު ކަމުގައި ކުވައިތުގައި ވަނީ އައުސަރުކާރެއް އެކުލަވާލާފަ އެވެ.

ކުވައިތަކީ ރައްޔިތުން އިންތިޚާބުކުރާ ޕާލަމެންޓެއް އޮންނަ ޤައުމެއްކަމަށް ވިޔަސް އެޤައުމުގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ރަސްކަލެއްގެ ގޮތުގައި ހުންނަވާ އަމީރު ގެ އަތްޕުޅުގަ އެވެ. ބޮޑުވަޒީރަކަށް ޢައްޔަން ކުރަނީ ވެސް ޝާހީ ޢާއިލާގެ ބޭފުޅެކެވެ. އަދި ކެބިނެޓްގެ ގިނަ މަޤާމުތަކާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ގިނައިން އުޅުއްވަނީ ޝާހީޢާއިލާގެ ބޭފުޅުންނެވެ.

ކުވައިތުގައި ސިޔާސީ ޕާޓީތައް އެކުލަވާލުމުގެހުއްދައެއްވެސް ނޯވެ އެވެ. ނަމަވެސް ސިޔާސީ ބައެއް ފިކުރުތަކުގެޖަމާއަތްތައް ސިޔާސީ މައިދާނުގައާއި ޕާލަމެންޓްގައި ޙަރަކާތްތެރިވެއެވެ. (އަލްޖަޒީރާ+އަލްޤަބަސް)