ނިއުދިއްލީން: މުހައްމަދު ޝާން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް ޓީމްގެ އެއްވެސް ކުޅުންތެރިއެއްގެ އަޒުމާއި ހިތް ވަރަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ދިވެހި ޤައުމީ ޓީމްގެ ކޯޗް އިސްތަވާން އުރުބާނީ ބުނެފިއެވެ.

ގްރޫޕް ބީގެ ފަހު މެޗުގައި މިއަދު ބަންގާޅު އަތުން ރާއްޖެ 3-1 ލަނޑުން މޮޅުވި މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ޤައުމީ ކޯޗް އިސްތަވާން އުރުބާނީ ބުނީ، ސެމީ ފައިނަލަށް ޓީމް ދަތުރު ކުރީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ކަމަށާއި ސެމީގައި ދިވެހި ޓީމާ ދެކޮޅަށް ގްރޫޕް އޭ ފަޅިން ކޮންމެ ޓީމެއް ނިކުތް ކަމަށް ވިޔަސް، ޓީމްގެ ރޫހަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

"ސެމީގައި އިދިކޮޅަށް ކޮންމެ ޓީމެއް ނިކުތަސް ދިވެހި ޓީމުގެ ފިކުރަކަށް ބަދަލެއް ނާންނާނެ. ވަކި ކަންބޮޑެއް ވެސް ނުވާނެ. ޓީމް އޮތީ މުބާރާތް ކާމިޔާބުކުރަން ތައްޔާރަށް" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ، ބަންގާޅު އަތުން މޮޅުވެ، ތިން ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއިން ދިވެހި ޓީމް ޖާގަ ހޯދުމުން އުފާވާކަމަށާއި އަދި މިއުފަލުގައި ދިވެހި އެންމެހާ ސަޕޯޓަރުން ސާމިލް ވާނެ ކަމަށެވެ. ޓީމް ހޯދި ކާމިޔާބީއަކީ ދިވެހިންނަށް ލިބޭނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވީއިރު، ދިވެހިން ބޭނުންވާ ހިސާބަށް މިފަހަރުގެ މުބާރާތުގައި ޓީމް ދަތުރު ކުރާނެ ކަމަށް ވެސް އުރުބާނީ ބުންޏެވެ.

"ދިވެހި ޓީމް މޮޅުވުމުގައި ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑު. އެމީހުން ޓީމަށް ދިން ސަޕޯޓަކީ ޓީމްގެ ހިތްވަރު" އުރުބާނީ ބުންޏެވެ.

ފަސްދޮޅަސް ހާސް މީހުނަށް ކުޅިބަލަން ވަދެވޭ، އިންޑިޔާގެ ނެހެރޫ ސްޓޭޑިޔަމްގައި ދިވެހި ޓީމަށް ސަޕޯޓްކުރުމަށްޓަކީ މިއަދު ދަނޑަށް ވަދެ ތިބި، އެންމެ 70 ވަރަކަށް ދިވެހި ސަޕޯޓަރުން ވަނީ މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމެންދެން ދިވެހި ޓީމަށް ސަޕޯޓްކޮށް ހިތްވަރު ދީފައެވެ. މުޅި ދަނޑުގައިވެސް ދިވެހި ސަޕޯޓަރުންގެ އަނޑު މެދުނުކެޑި އިވިގެން ދިޔަކަން، މިއަދުގެ މެޗް ކަވާކުރުމަށްޓަކައި ނެހެރޫ ސްޓޭޑިޔަމްގައި ތިބި ބޭރުގެ މީޑިޔާތަކުންވެސް ވަނީ އެކަން ފާހަގަ ކޮށްފައެވެ. އަދި މެޗަށްފަހު ދިވެހި ޓީމުގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވެސް ސަޕޯޓަރުން ގާތަށް ދިޔައެވެ.

މުބާރާތުގައި ޖުމްލަ ތިންމެޗު، ކުޅެ ބަންގާޅު އަތުން މޮޅުވުމުން އުރުބާނީ ބުނީ، ބަންގާޅު ޓީމަކީ މޮޅުޓީމެއް ކަމަށާއި އެޓީމްގެ ކުޅުންތެރިން ދިވެހި ޓީމާ ދެކޮޅަށް ދެއްކީ މޮޅު ކުޅުމެއް ކަމަށެވެ. މުޅިމެޗަށް ބަލާލި ކަމުގައި ވިޔަސް، މޮޅު ކުޅުމެއް ބަންގާޅު ކުޅުންތެރިންގެ ފަރާތުން ފެނުނު ކަމަށާއި އެގޮތުން އެކުޅުންތެރިން އޮބެހެއްޓުމަށް ދިވެހި ކުޅުންތެރިން ކުރި ބުރަ މަސައްކަތައް ސާބަހާއި ޝުކުރު ރައްދު ކުރާކަމަށް ވެސް އުރުބާނީ ބުންޏެވެ.

މެއަދުގެ މެޗުން މޮޅުވެ ރާއްޖެއަށް ގްރޫޕްގެ އެއް ވަނަ ލިބުނީ ފަސްޕޮއިންޓާއި ފައިދާ ދެ ގޯލުންނެވެ. އަދި މި ގްރޫޕްގެ ދެ ވަނަ ކަށަަވަރު ކުރި ނޭޕާލަށް ފަސް ޕޮއިންޓު ލިބުނު ނަމަވެސް، ނޭޕާލަށް ފައިދާ ވަނީ އެންމެ ގޯލެކެވެ. ތިން ޕޮއިންޓާއެކު ޕާކިސްތާނަށް ތިން ވަނަ ލިބުނުއިރު، ގްރޫޕްގެ ފުލަށް ދިޔައީ އެއް ޕޮއިންޓު ލިބުނު ބަންގާޅެވެ.

މިއަދު ރައްޖެ މޮޅުވުމުން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ މެޗަށް ފަހު ފޯނުންގުޅުއްވާ ޓީމަށް ހިތްވަރު ދެއްވާފައެވެ.