19 Feb 2020, 15:51
އއ. އަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާގައި ސޯލާ ޕެނަލް ހަރުކުރަން ނިންމައިފި އެެވެ.
އަމިއްލަ ތަކެތީގައި، ސޯލާ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވެ، އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އއ. ކައުންސިލްއިން އިއުލާން ވެސްކުރި އެވެ. ނަމަވެސް ބައެއް ކަންތައްތަކަށް ބަދަލުގެންނަންވެގެން ކަމަށް ބުނެ ކުރިން ކުރި އިއުލާން ވަނީ ބާތިލް ކޮށްފަ އެވެ. ނަމަވެސް އެކަން އަލުން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ކައުންސިލްއިން ބުންޏެވެ.
އއ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު އާދަމް "ސަން" އަށް މިއަދު ވިދާޅުވީ މިއީ އެ އަތޮޅުގެ ރަށްތަކުގެ ކައުންސިލް އިދާރާގެ ހަރަދުތައް ކުޑަ ކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އެކަމަށް ހަރަދުކުރާނީ އއ. އަތޮޅު ކައުންސިލުން ކަމަށް އޭނާ ވިދާޅުވި އެވެ.
އއ. އަތޮޅު ކައުންސިލް އިދާރާގައި މިދިޔަ އަހަރު ފަހުކޮޅު ވަނީ ސޯލާ ޕެނަލް ބަހައްޓައިފަ އެވެ.
"މީގެ ކުރިން އަތޮޅު ކައުންސިލްގެ ކަރަންޓް ބިލަށް އަރާ 18،000 ރުފިޔާ އަރާ. އެކަމު މިހާރު އަރަނީ އެންމެ 3000 ރުފިޔާ،" އާދަމް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވެސް ދަނީ ރަށްރަށުގެ މިސްކިތްތަކުގައި ސޯލާ ޕެނަލް ބަހައްޓަމުންނެވެ.