ހިފާފައިވާ ގުދްސު (19 ފެބްރުއަރީ 2020) : އިސްރާއީލު ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން ވަޒަން ވެރިކުރުވުމަށް ހިންގާ ޣައިރު ގާނޫނީ މަޝްރޫއުގެ ދަށުން ނުވަ ހާސް ހައުސިންގް ޔުނިޓް ބިނާކުރުމަށް އިސްރާއީލުގެ ސަރުކާރުން ނިންމައިފި އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރާ ހަވާލާދީ އެގައުމުގެ ނޫހެއްކަމަށްވާ "ހާއާޓްސް" އިން ބުނީ މި ނުވަ ހާސް ހައުސިންގް ޔުނިޓް ބިނާކުރާނީ ހުޅަނގު އައްސޭރީގެ ބައެއްކަމަށްވާ ގުދްސުގެ އިރުމަތީ ފަޅީގެ އުތުރުގެ ސަރަހައްދުތަކުގަ އެވެ. މިއީ ގުދްސުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ވަށައިގެންވާ ގަލަންދިޔާ ސަރަހައްދުގެ ބިންތަކެވެ. މި މަޝްރޫއުގެ ފިޒިކަލް ޑިޒައިންތަކުގެ މަސައްކަތް މީގެ ދިހަ ދުވަސްކުރިން ފަށާފައިވާ އިރު މި މަޝްރޫޢު ނިންމުމަށް ހަތަރު އަހަރުގެ މުއްދަތެއް ނަގާނެކަމަށް ވެސް "ހާއާޓްސް" ނޫހުން ބުނެ އެވެ.

ގުދްސުގެ އިރުމަތީ ފަޅިއަކީ 1967ގެ ހަނގުރާމައިގާ އިސްރާއީލުން ގަދަބާރުން އަތްދަށުލާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ހިމެނޭ ސަރަހައްދެއް ނަމަވެސް އެފަޅި ހިމެނޭ ގޮތަށް މުޅި ގުދްސަކީ އިސްރާއީލުގެ ބިމެއްކަމާއި އެއީ އިސްރާއީލުގެ ވެރިރަށްކަމަށް 1984 ވަނަ އަހަރު އިސްރާއީލުން ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ކަނޑައަޅާފަ އެވެ. އިސްރާއީލުގެ މިއަމަލު އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުނުކުރި ނަމަވެސް ދުނިޔޭގެ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާއިން 2018 ވަނަ އަހަރުގައި ވަނީ އިސްރާއީލުގެ އެ ބާތިލް ނިންމުން ގަބޫލުކޮށް ޓެލްއަވީވުގައި ހުންނަ އެމެރިކާގެ އެންބަސީ ގުދްސަށް ބަދަލުކޮށްފަ އެވެ.

ގުދްސުގެ އިރުމަތީ ފަޅީގައި އިސްރާއީލުން ނުވަ ހާސް ހައުސިންގް ޔުނިޓް ބިނާކުރަނީ 1200 އޭކަރުގެ ބިމެއްގަ އެވެ. އެބިމުގައި ޔަހޫދީން ވަޒަންވެރި ކުރުމަށްޓަކައި ނުވަ ހާސް ހައުސިންގް ޔުނިޓް ބިނާކުރުމުގެ އިތުރުން ވިޔަފާރީގެ މަރުކަޒުތަކާއި ޕާކުތަކާއި ހޮޓަލަކާއި ކެފޭތަކާއި ފެނާއި ކަރަންޓް ފަދަ ޔުޓިލިޓީ ޚިދްމަތްތަކާބެހޭ ތަންތަން ބިނާކުރުންވެސް ހިމެނެ އެވެ. ހުޅަނގު އައްސޭރީގެ ބިންތަކުން އިސްރާއީލު ފޭބުމަށް ގޮވާލާ އެތަށް ގަރާރެއް އދ.ގެ ސަލާމަތީ މަޖިލީހުންނާއި އދ.ގެ އާންމު ޖަމްއިއްޔާއިން ފާސްކޮށްފައިވީ ނަމަވެސް އެއިން އެއްވެސް ގަރާރަކަށް އަމަލުކުރުމަށް އިސްރާއީލު ގެންދަނީ ދެކޮޅު ހަދަމުންނެވެ.

އިސްރާއީލު ވަނީ 1976 ން ފެށިގެން ހުޅަނގު އައްސޭރީގެ ބިންތަކުގައި ޔަހޫދީން އާބާދުކޮށް ވަޒަންވެރި ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މިމަސައްކަތްތަކުގެ ދަށުން މިހާތަނަށް 1.3 މިލިޔަން ޔަހޫދީން ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި ވަޒަންވެރިކޮށްފައިވެ އެވެ. އެތަންތަނުގައި ވަޒަންވެރިކޮށްފައި ވަނީ ދުނިޔޭގެ އެކި ގައުމުތަކުން ފަލަސްތީނަށް ހިޖްރަކުރާ ޔަހޫދީންނާއި އިންޓެންސިވްތައް ދީގެން އެބިމަށް ހިޖްރަކުރުވާ އެކިގައުމުތަކުގެ ޔަހޫދީންނެވެ. މިކަމުގެ ބޭނުމަކީ ހުޅަނގު އައްސޭރީގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލައިގެން ފަލަސްތީނުގެ ބިމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ފުރުސަތު ނުދިނުމެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިކޮށްފައިވާ ބިންތަކަކީ އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ނިންމައި އެކަން ވަރަށް އަވަހަށް އިއްލާންކުރާނެކަން ދާދިފަހުން ވިދާޅުވެފަ އެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއްމާރީ ހަރަކާތްތައް މިގޮތަށް ހުރިނަމަވެސް އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ގެންދަނި އިސްރާއީލުގެ މިއަމަލުތައް ދިފާއުކޮށް އދ. ގައާއި ބައިނަލްއަގްވާމީ މަހްފަލްތަކުގައި އިސްރާއީލު ހިމާޔަތްކޮށް ދިފާއު ކުރަމުންނެވެ. (ނޫސްއެޖެންސީތައް)