ފުވައްމުލަކުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި އަނިޔާ ލިބުނު ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ހަމަޖައްސާފައިވާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މިރޭ ބުނެފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު ދެ މީހުންނަށް އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މާދަމާ މާލެ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މިއަދު މެންދުރު ފަހު އެ ރަށު ފަނާރުމަގާއި އަލިވާމަގު ގުޅުނު ހަތަރު އަނގޮޅީގައި ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހިގެން ކަމަށެވެ.

އެ އެކްސިޑެންޓްގައި އަނިޔާ ލިބިފައި ވަނީ އެއް ސައިކަލް ދުއްވަން އިން އެ ރަށު ހޯދަޑު، ސަނީ، ޚަދީޖާ މުހައްމަދަށެވެ. އޭނާގެ އަތް ވަނީ ބިނދިފަ އެވެ. އޭގެ އިތުރުން އޭނަގެ ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ދެ ވަނަ ސައިކަލު ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުޑަ ފިރިހެން ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ކަކުލުގެ ލިގަމެންޓަށް ގެއްލުން ލިބިފައިވާ އިރު ގައިގެ ބައެއް ތަންތަން ވެސް މަށައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން ރޭ އިރުއޮއްސުނު ވަގުތު ފުވައްމުލަކު ޖަމާލުއްދީން ނައިބު ތުއްތު މަގުގައި ވެސް ވަނީ އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ ހާދިސާގައި އެއް ސައިކަލު ދުއްވަން އިން ދޫޑިގަމު ވެލްކަމްވިލާ، ޒާހީ ޝަފީގުގެ ކަނާތު ޝަހާދަތް އިނގިލި މެދުން ބުރިވެ އެއްކޮށް ވަކިވެ، އޭނާގެ ކޮނޑުކަށިގަނޑު ބިނދިފައިވާ ކަމަށް ހޮސްޕިޓަލުން ބުނެ އެވެ. އޭނާ އަށް ވެސް އެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މާދަމާ މާލެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން އެ އެކްސިޓެންޓްގައި 28 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ. އެ ދެ މީހުންނަށް އެކިވަރުގެ ޒަޚަމްތައް ލިބިފައިވާ ކަމަށާއި އެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.