19 Feb 2020, 12:24
ވޮޝިންޓަން (ފެބްރުއަރީ 19): އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ބިލިއަނަރު މައިކަލް ބްލޫމްބާގް ރައީސް ކަމަށް އިންތިހާބުވެއްޖެ ނަމަ އޭނާގެ މީޑިއާ ކުންފުނި ވިއްކާލާނެ ކަމަށް އޭނާގެ ކެމްޕެއިން ޓީމުން ބުނެފި އެވެ.
ބްލޫމްބާގްގެ ކެމްޕެއިނުން އެފަދައިން ބުނީ އޭނާ އިޝްތިހާރަށާއި ކެމްޕެއިން މުވައްޒަފުންނަށް އެތައް މިލިއަނުން ހަރަދު ކުރަމުންދާ ކަމަށް ބުނެ ޑިމޮކްރެޓިކް ޕްރައިމަރީގެ އެހެން ކެންޑިޑޭޓުންގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ބްލޫމްބާގްގެ ކެމްޕެއިން އެޑުވައިޒަރު ޓިމް އޯބްރަޔަން ވިދާޅުވި ގޮތުގައި އޭނާ ކުންފުނި ދޫކޮށްލައްވާނީ ރައީސްކަން ކުރައްވާ އިރު މަސްލަހަތަށް ފުށޫ އަރާނެ ފަދަ ހާލަތަކުން ދުރުވުމަށެވެ.
މީގެ ކުރިން 2018 ވަނަ އަހަރު ބްލޫމްބާގް ވަނީ އޭނާ ރައީސް ކަމަށް ވާދަކޮށް، އިންތިހާބުވެއްޖެ ނަމަ އަމިއްލަ ކުންފުނި ވިއްކާލާނެ ކަމަށް ނުވަތަ ޓްރަސްޓަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު ޑިމޮކްރެޓިކް ރޭހުގައި ބައިވެރިވެވަޑައިގެންނެވި ބްލޫމްބާގަށް އޮތް ތާއިދު ފާއިތުވި ތިން މަސް ތެރޭ އިތުރުވެފައިވާ ކަމަށް ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަ އެވެ.
ބްލޫމްބާގްގެ މިލްކިއްޔާތު 64 ބިލިއަން ޑޮލަރަށް އަރާ އިރު އޭނާ އަކީ މިދިޔަ އަހަރު ދުނިޔޭގެ ނުވަ ވަނަ އަށް އެންމެ މުއްސަނދި މީހާ އެވެ. އަދި އޭނާގެ ކެމްޕެއިންގައި ޓީވީ އިޝްތިހާރުތަކަށް 30 މިލިއަން ޑޮލަރު ހާއްސަކޮށްފައިވެ އެވެ. އެއީ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއެއްގައި އިޝްތިހާރުތަކަށް އެއް ކެންޑިޑޭޓަކު އެހާވަރަށް ހަރަދު ކުރާ ފުރަތަމަ ފަހަރެވެ.
ބްލޫމްބާގް ވަނީ ނިއު ޔޯކުގެ މޭޔަރުކަން 2001 އިން 2013އަށް، ތިން ދައުރަށް ކުރައްވާފަ އެވެ. އަދި އޭނާގެ ކުންފުނީގެ 88 ޕަސެންޓަކީ އޭނާގެ އަމިއްލަ ހިއްސާއަށްވާ އިރު މިދިޔަ އަހަރު އެކުންފުންޏަށް ވަނީ 10 ބިލިއަން ޑޮލަރު ލިބިފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ޕްރައިމަރީގައި އެންމެ މަގުބޫލު ބޭފުޅުންނަކީ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ވާމަންޓުގެ ސެނެޓަރު ބާނީ ސޭންޑާސް އާއި މެސެޗޫސެޓްސްގެ ސެނެޓަރު އެލިޒަބެތު ވޮރެން އާއި ސައުތު ބެންޑުގެ ކުރީގެ މޭޔަރު ޕީޓް ބުޓެޖެޖް އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވާނީ އަންނަ ނޮވެމްބަރު ތިނެއްގަ އެވެ.