މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް ހދ. ކުޅުދުއްފުށީގައި ހުންނަ ކުރީގެ އަތޮޅުގޭގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހުޅުއްވައިދެއްވައިފި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ހުރި، ސަރުކާރުގެ ޢިއްޒަތްތެރިންނަށްޓަކައި ޚާއްޞަކޮށްފައިވާ ޢިމާރާތްތައް، ރައްޔިތުންނަށް ފައިދާވާނެ ގޮތެއްގައި ބޭނުން ހިފުމަކީ ކުރަން ޖެހޭނެ ކަމެއްކަމެެއް ކަމަށެވެ.

ޤައުމިއްޔަތެއް ބިނާކޮށް، ޤައުމީ ތަރައްޤީ ހޯދުމަށްޓަކައި، ހުނަރުވެރި، ތަޢުލީމީ ފެންވަރު ރަނގަޅު ކުދިންތަކެއް ބިނާކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކުޅުދުއްފުށީ ސިޓީ ތަރައްޤީކޮށް މުޅި ރާއްޖެ އަށް އެތަރައްޤީ ފޯރުކޮށްދިނުމަށް ޓަކައި ކުރިއަށް ދެވޭނީ، އިތުރު ހުނަރުތަކަކާއި މަތީ ތަޢުލީމުގެ ފުރުޞަތު ލިބިގެން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މެރިޓައިމް އެކަޑަމީން އުނގަންނައިދޭ ހުނަރު އުނގެނި، ގަދައަޅާ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށާއި ރަށާއި ރާއްޖެ ތަރައްޤީކުރުމަށް މަސަކަތްކުރުމަށް އެސެންޓަރުގެ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.