06 Dec 2011, 20:39
ޤްރޫޕް ބީގެ ނޭޕާލް އާއި ޕާކިސްތާން ކުޅުނު ފޯރިގަދަ މެޗް އެއްވަރުވެ، 5 ޕޮއިންޓާއި ފައިދާ 1 ގޯލާއި އެކު ނޭޕާލް ސެމީފައިނަލަށް ދަތުރު ކުރުމުން ރާއްޖެއަށާއި ބަންގާޅަށް ޖެހިފައި އޮތީ ސެމީފައިނަލްގެ ޖާގައެއް ހޯދުމަށް ހަނގުރާމައެއް ކޮށް ކޮންމެ ވެސް އެއްޓީމަކުން މޮޅުވުމަށެވެ.
މިއަދުގެ މެޗު މެޗް ފަށައިގެން ކުޅުމުގައި ރާއްޖެއިން ވަރަށް ރަނގަޅަށް ގުޅިގެން ފުރިހަމަ ރޭވުންތެރިކަމާއިއެކު ބޯޅަ ހިފަހައްޓަމުން ގެންދިޔައެވެ. ރާއްޖެ އިން ކުޅޭވަގުތު ގިނަނަމަވެސް ބަންގާޅުން ވެސް ބައެއްފަހަރު ރާއްޖޭގެ ހާފްތެރެއަށް ބޯޅަ ގެންދެއެވެ.
މެޗްގެ ފުރަތަމަ ހަމަލާ ފެނުނީ ދިވެހިންގެ ފަރާތުން މެޗްގެ ދެ ވަނަ މިނެޓްގައެވެ. އިސްމާޢީލް މުޙައްމަދު ރާއްޖޭގެ ވާތްފަރާތުން ހުނަރުވެރިކަމާއިއެކު ކުރިއަރާ ގޯލް ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައަށް ތޯރިޤަށް އެރުނީ ތަންކޮޅެއް ފަހުންނެވެ. އަދި ރަނގަޅަށް ފަޔަށް ނޭރި ބޯޅަ ގޯލެއް ނުޖެހި ގެއްލުނެވެ.
މިކުޅުމާއި އެކު ރާއްޖެއިން ސިލްސިލާ ހަމަލާތަކެއް ބަންގާޅު ކޮޅަށް ދޭންފެށި އެވެ. އަދި ރާއްޖޭގެ މުޅިޓީމް ހަމަލާތަކުގައި ބައިވެރިވާންފެށި އެވެ. މިގޮތުން ނަތީޖާ ފެނުނީ މެޗްގެ 6 ވަނަ މިނެޓްގައި ދިވެހި ޓީމުގެ ކަނާތު ދިފާޢީ ބެކް އުމެއިރު ވަރަށް ފުރިހަމައަށް ޓީމުގެ ކަނާތްފަރާތުން ކުރިއަރާ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި މޮޅު ބޯޅަ ބަންގާޅުގެ ދިފާޢީ ކުޅުންތެރިންނަށް މާކް ނުކުރެވި ވާތްފަރާތުން ހުސްކޮށްހުރި ތޯރިޤް ވަރަށް ޗާލު ޑައިވްއަކާއި އެކު ބޮލުންޖަހާ ބަންގާޅު ގޯލްތެރެއަށް ފޮނުވާލިއެވެ.
މިގޯލަށްފަހު އުންމީދުން ފުރިގެންވާ ދިވެހި ޓީމަށް ލިބުނު އިތުބާރާއި އެކު ހަމަލާތައް އިތުރުކުރިއެވެ. އަދި ރާއްޖޭގެ މެދުތެރެއިން ކުޅުން ކޮންޓްރޯލް ކުރިއެވެ. ރާއްޖެއިން އެންމެ ގިނަ ހަމަލާ އުފައްދަމުންދިޔަ ކަނާތްފަރާތު އަރިމަތިން އަލީ އަޝްފާޤް ދަގަނޑޭއަށް ލިބުނު ބޯޅަ ބަންގާޅު ޓީމުގެ ތިން ދިފާޢީ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލް ކުރިމައްޗަށް ހުރަސްކުރުމުން ގޯލަކުރިމަތީގައި ހުރި ގޯލާ ރައްޓެހި ޓޮމްއަށް އެބޯޅަ ގޯލްތެރެއަށް ވައްދާލުން ނޫން އެހެން އެއްވެސް ގޮތެއް ނުފެނުނެވެ.
ރާއްޖެއަށް މެޗްގެ މިހާކުރިކޮޅު ދެ ލަނޑުގެ ތަފާތަކުން ކުރި ލިބިގެން ދިޔުމަށްފަހު ޓީމުގެ ކުޅުން މަޑުމަޑުން މޯޅިވެ ފަހަތަށް ޖެހެވެންފެށިއެވެ. ބަންގާޅުން މިދަނޑިވަޅުގެ ބޭނުންހިފީ ރާއްޖޭގެ ވާތްފަރާތު އަރިމަތިން އެޓީމުގެ ކަނާތްފަރާތުން 20 ނަމްބަރު ކުޅުންތެރިޔާ ގެ ހަލުވި ދުވުމުންނެވެ. އަދި މެޗްގެ 21 ވަނަ މިނެޓްގައި އޭނާވަނީ ކަނާތްފަރާތު އަރިމަތިން ޕެނަލްޓީ އޭރިޔާތެރެއަށް ވަދެ މުޅިން ހުސްކޮށް ގޯލަށް ހަމަލާ ދީފައެވެ.
މިހަމަލާއަށްފަހު ބަންގާޅުގެ ސިލްސިލާ ހަމަލާތަކުން ރާއްޖޭގެ ދިފާޢަށް ނުރައްކާކުރަން ފެށިއެވެ. އަދި ކައިރި ކައިރީގާ ބަންގާޅަށް ކޯނަރު ލިބެން ފެށިއެވެ. މިގޮތުން 29 ވަނަ މިނެޓްގައި ބަންގާޅުން ނެގި ކޯނަރެއް ގޯލް އޭރިޔާ ތެރޭހުރި ބަންގާޅު ފޯވާޑް ގޯލަށް ފޮނުވާލުމުން ހުޝިޔާރުކަމާއި އެކު އިމްރާން އެބޯޅަ ދެވަނަ ފަހަރަށް ކޯނަރަކަށް ފޮނުވާލިއެވެ. މިކޯނަރު ލިބުނީ ރާއްޖޭގެ އޭރިޔާ ތެރޭ މުޅިން ހުސްކޮށްހުރި ބަންގާޅުގެ ނަމްބަރު 15 އަށެވެ. އޭނާ ވަރަށް ފުރިހަމައަށް ރާއްޖޭގެ ގޯލުގެ ވާތްފަރާތު މަތީކަނަށް ބޯޅަ އަނބުރާލިއެވެ.
މި ލަނޑަށްފަހު ބަންގާޅުން ރާއްޖެއަށް ނުރައްކާކުރާ މިންވަރު ކުރިއަށްވުރެ އިތުރު ކުރިއެވެ. ބަންގާޅުން ކުޅުމުގެ ބޮޑުބައި އެޓީމުގެ ބާރުގެ ދަށަށް ގެނައީ ދިފާޢީ ކުޅުންތެރިންނަށް ދަނޑުމަތިން ގެނައި އެޖެސްޓްމަންޓަކުންނެވެ. މިގޮތުން ރާއްޖެއިން އެންމެ ނުރައްކާކުރަމުންދިޔަ ކަނާތްފަރާތް މައިތިރި ކުރުމަށް ބަންގާޅުގެ ކަނާތްފަރާތު ދިފާޢަށް ކުޅެމުންދިޔަ ޖާޒީ ނަމްބަރު 3 ބަދަލުކުރިއެވެ. އަދި މިބަދަލުގެ ނަތީޖާއިން ރާއްޖޭގެ ހަމަލާތައް މަދުކުރެވުނެވެ. އަދި މެޗްގެ 40 ވަނަ މިނެޓުން ފެށިގެން ބަންގާޅުގެ ޖާޒީ ނަމްބަރު 25 އަދި ޖާޒީ ނަމްބަރު 20 މިތުން ގުޅިގެން ރާއްޖޭގެ ވާތްފަރާތުން ހަމަލާތައް ގިނަކުރިއެވެ.
އެހިސާބުން ރާއްޖެ ޕްރެޝަރުގެ ތެރެއަށް ދިޔައެވެ. ފުރަތަމަ ހާފް ނިމިގެންދިޔައީ ބަންގާޅުން ރަނގަޅަށް ކުޅެމުންދަނިކޮށެވެ. ދެވަނަ ހާފްގެ ކުޅުން ފެށުމާއި އެކު ބަންގާޅުގެ ބާރުގެ ދަށަށް ކުޅުންގެންގޮސް ރާއްޖޭގެ އޭރިޔާތެރެއަށް ނުރައްކާތެރި ހަމަލާތައް އޮއްސަމުން ދިޔައެވެ. ސަބަބެއްކަމަށް ފެނުނީ ރާއްޖޭގެ މެދުތެރެއިން ދިފާޢުކުރުމުގެ ޤާބިލިއްޔަތު ދަށްކަމެވެ. އަދި ކަނާތްފަރާތުން ދެމުން ގެންދިޔަ ހަމަލާ ތައް ދިފާޢުކުރުމުގައި ރާއްޖޭގެ ވާތު ވިންގް އިސްމާޢީލް މުޙައްމަދު ސާމިލުވެ އުޅެންޖެހުމުން ރާއްޖެއިން އެފަޅިން ހަމަލާދިނުން މުޅިން ބަންދުވިއެވެ.
އަދި ރާއްޖޭގެ ކުޅުންތެރިން ކެތްތެރިކަމާއި ހިތްވަރާއި އެކު ބަންގާޅުގެ ހަމަލާތައް ދިފާޢުކުރަމުން ދިޔައީ ބޭރުގައި ތިބި އެދުރުންގެ ޓީމަށް މިހަމަލާތައް ހުއްޓުވުމުގެ ގޮތް ވިސްނިގެން ގެންނާނޭ ރަނގަޅު ބަދަލެއްގެ އިންތިޒާރުގަ އެވެ. މެޗްގެ 57 ވަނަ މިނެޓްގައި ރާއްޖޭގެ ގޯލްޖަހާ ކުޅުންތެރިޔާ ޓޮމްގެ ބަދަލުގައި ދިފާޢީ މެދުތެރެ ޝިފާން ކުޑައްޓޭ ކުޅެން ނެރުނެވެ.
ބަންގާޅު ޓީމުން ކޮންޓްރޯލް ކުރަމުންދިޔަ ކުޅުމަށް މާބޮޑު ބަދަލުތަކެއް އައިތަނެއް ނުފެނުނެވެ. ނަމަވެސް ކުޑައިރުކޮޅަކުން ރާއްޖޭގެ ވާތު ވިންގް އިއްސޭގެ ބަދަލުގައި ނިޔާޒު ބޮކުރީ ކުޅެން ނެރުމުން ރާއްޖެއިން ހަމަލާ ދިނުމަށް ވަރުބަލި ނުވެ ހުރި ފަޔެއް ލިބުނެވެ. އނަތީޖާއަކީ ރާއްޖެއިން ކޮންޓްރޯލް އަތުލަން ފެށުމެވެ.
ޓޮމް ދަނޑުމަތީ ނެތުމުން އެންމެ ކުރީގައި ހުންނަ ހަމަލާވެރިޔަކަށް އަޝްފާޤްވެފައި ހުއްޓާ މެޗްގެ 69 ވަނަ މިނެޓްގައި ހަމަލާއަށް އަރާތިބި ބަންގާޅު ޓީމުގެ ދިފާޢީ ކުޅުންތެރިންގެ ފަހަތަށް ދިވެހި މެދުތެރެއިން ވައްޓާލި ޕާސް އަޝްފާޤު އަތުލާ ދިފާޢީ ކުޅުންތެރިން ކައިރިން ނައްޓާލައި އަދި ގޯލްކީޕަރު ކައިރިންވެސް ކަޓުވާލާފައި ހުސް ގޯލަށް ވައްދާލިއެވެ. މިލަނޑާއި އެކު ބަންގާޅު މިމުބާރާތުގައި ދެމިއޮތުމުގެ އުންމީދު ގެއްލި ރާއްޖެ މިމުބާރާތުގެ ގްރޫޕް މަރުޙަލާއިން ކަޓާފައި ނެތް ރިކޯރޑް ދެމެހެއްޓުނެވެ އަދި މެޗް ނިމުމާއި ހަމައަށް ދިވެހިން ޖޯޝާއިއެކު މެޗްގެ ކޮންޓްރޯލް ހޯދިއެވެ. މެޗް ނިމިގެންދިޔައީ ސާފް ޗެމްޕިޔަންޝިޕް 2011 ގެ ގްރޫޕް ބީ އިން އެއްވަނަ ޓީމަކަށް ރާއްޖެ ހޮވިގެންނެވެ. މާދަމާ ގްރޫޕް އޭގެ މެޗްތަކުން ނަތީޖާ ނެރޭ ޓީމުތަކުގެ ތެރެއިން ރާއްޖެ އާއި އެކު ސެމީފައިނަލްގައި ވާދަކުރާނޭ ޓީމެއް އެނގޭނެއެވެ. ރާއްޖެ އާއި އެކު ސެމީފައިނަލްގައި ވާދަކުރާނީ ގްރޫޕް އޭއިން ދެވަނައަށް ދާޓީމެކެވެ.