18 Feb 2020, 18:30
އިންޑިއާގެ މިނިސްޓާ އޮފް ހޯމް އެފެއާޒް އަމްރިތު ޝާހުގެ ދައުވަތަކަށް ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.
މިއަދު ހަވީރު އިންޑިއާއަށް ފުރާވަޑައިގަތުމުގެ ކުރިން އިމްރާން ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ދާހިލީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އަދި އޭނާ އެގައުމަށް ކުރައްވާ ދަތުރުފުޅުގައި އިންޑިޔާ ކަނޑުގެ ސަލާމަތާ ރައްކާތެރިކަމާއި ރާއްޖޭގެ ދާހިލީ ސަލާމަތާ ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަަމަށްޓަކައި އިންޑިއާ ކަނޑުގެ ސަލާމަތަކީ ވަރަށްވެސް މުހިންމު ކަމެއް. އެހެންވީމާ އަޅުގަނޑުގެ މި ދަތުރުގައި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމުގައި އިންޑިއާއާއި ދެގައުމު އެކުގައި މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިގެންދާނެ،" އިމްރާން ވިދާޅުވިއެވެ.
އިމްރާން އިތުރަށް ވިދާޅުވީ، އެ ދަތުރުގައި ދިވެހި ފުލުހުންގެ ތަރައްގީއާއި ކުރުއެރުމަށް އިންޑިއާގެ ފަރާތުން އިތުރު އެހީތެރިކަމެއް ހޯދޭނެ ގޮތްތަކެއް އިންތިޒާމުވެގެންދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ހޯމް މިނިސްޓްރީއިން ބުނީ އިމްރާންގެ އެ ދަތުފުޅަކީ އިންޑިއާގެ ހޯމް މިނިސްޓަރު އަމްރިތު ޝާހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި އެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަލީ ނަޒީރުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިމްރާން އެނބުރި ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.