ސާކް ސަމިޓްގެ ސެކިއުރިޓީ އަށް ދިޔަ ފުލުހަކާއި އިތުރު މީހަކު އައްޑޫ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށް، އެ މައްސަލައިގައި ތުހުމަތު ކުރާ އިތުރު މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރު ކުރީ 20 އަހަރުގެ އެ އަންހެން ކުއްޖާއާ ގަދަކަމުން ބަދުއަޚްލާގީ ޢަމަލު ހިންގި ކަމުގެ ތުހުމަތުގައި މި މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ އަންހެން ކުއްޖާ އަކީ އައްޑޫ ސިޓީގެ ކޮން ރަށެއްގެ ކުއްޖެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި ހައްޔަރު ކުރި ފުލުސް މީހާގެ އިތުރަށް ދެ ވަނަ އަށް ހައްޔަރު ކުރި މީހަކީ ވެސް އައްޑޫ ސިޓީ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ސާކް ސަމިޓްގެ ސެކިއުރިޓީ އަށް ގޮސް ހުރި ފުލުހަކީ އައްޑޫ ސިޓީގެ ޗެކް ޕޯސްޓްގައި މަސައްކަތް ކުރަމުންދިޔަ ފުލުހެކެވެ.

އަދި އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު ކޯޓުން 15 ދުވަހަށް އިތުރު ކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމަ އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން މިހާރު ހޯދަމުން ދަނީ ސ. ފޭދޫ ދުނބުރިމާގޭ މުހައްމަދު ވަހީދެވެ.