19:00


ހދ. ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށާއި، އައްޑުއަތޮޅު ހިތަދޫ ސަރަޙައްދީ ބަނދަރަށް ކަނޑުމަގުން އެތެރެކުރާ މުދަލުންނާއި، ހަނިމާދޫ ވައިގެ ބަނދަރަށާއި، އައްޑުއަތޮޅު ގަން އެއަރޕޯޓަށް ވައިގެ މަގުން އެތެރެކުރާ ހުރިހާ މުދަލަކުން ނަގާ ޑިއުޓީން 30 އިންސައްތަ މާފުކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެން، އެ ލަފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވައިފި އެވެ.


ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، ރާއްޖޭގެ ސަރަޙައްދީ ވިޔަފާރި ބަނދަރުތަކަށް ކަނޑުމަގުން މުދާ އެތެރެކުރުމާއި އަދި ވައިގެ ބަނދަރުތަކަށް މުދާ އެތެރެކުރުމުގައި، ލުއިގޮތެއް ހަމަޖެއްސެވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަންނަ މަހުގެ 26 ވަނަ ދުވަހުން ފެށިގެން މިގޮތަށް ޢަމަލުކުރައްވަން ފެށްޓެވުމަށާއި، މިކަން ހިންގެވުމަށް ކުރައްވަންޖެހޭ ތައްޔާރީތައް، އެތާރީޚުގެ ކުރިން ކުރައްވައި ނިންމެވުމަށް ވެސް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައެޅުއްވި އެވެ.


މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ވިޔަފާރި ބަނދަރުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފެމުން ނުދާކަން ފާހަގަކުރެއްވި އެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރައްވައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވި އެވެ.


މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ލ. ކަޅައިދުއަކީ މީހުން ވަޒަންވެރިވެ ނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ވެސް ނިންމެވި އެވެ.


ކަޅައިދުއަކީ 2004 ޑިސެމްބަރ 26 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ރަށުގެ ބޮޑު ބައެއް ހަލާކުވެދިޔުމާ ގުޅިގެން، މީހުން ދިރިއުޅެން ރައްކާތެރި ރަށެއް ނޫން ކަމަށް ސަރުކާރުން އިޢްލާނު ކުރައްވާފައިވާ ރަށެކެވެ. އެހެންކަމުން، އެރަށުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ފްރެންޗް ރެޑްކްރޮސްގެ ފަރާތުން ލ. ގަމުގައި ވަނީ ގެދޮރު ޢިމާރާތް ކޮށްދީފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ކަޅައިދޫގެ އަށް ޢާއިލާ ފިޔަވައި އެހެން ހުރިހާ ޢާއިލާތައް ވަނީ ގަމުގައި ޢިމާރާތް ކުރި ގެތަކަށް ބަދަލުވެފަ އެވެ. އަދި މި އަށް ޢާއިލާގައި ހިމެނޭ 75 މީހުންގެ ތެރެއިން 48 މީހަކު މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ގަމަށް ބަދަލުވުމާ ގުޅިގެން، މިހާރު ކަޅައިދޫގައި ދިރިއުޅެމުންދަނީ 27 މީހުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


ކަޅައިދޫގައި މިހާ ކުޑަކުޑަ އާބާދީއަކަށް އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދްމަތްތަކެއް ފޯރުވައިދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެރަށުގައި މިހާރު ދިރިއުޅެމުން ގެންދާ 27 މީހުންނަށް، ލ. ގަމުގައި އިތުރުވެފައިވާ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ މިހާރު ޙަވާލުކުރެވިފައިވާ 27 ގޭގެ ތެރެއިން 10 ގެ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފަ އެވެ. އެހެންކަމުން، ކަޅައިދުއަކީ މީހުން ވަޒަންވެރިވެ ނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މި ނިންމެވީ، އެހާ މަދު މީހުންކޮޅެއް ދިރިއުޅޭ ރަށަކަށް އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދްމަތްތައް ފޯރުވައިދީ، މީހުން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މާލީގޮތުން ސަރުކާރަށް ދަތިކަމަކަށްވުމާއި، އާބާދީ ބޮޑެތި ރަށްރަށަށް ވެސް ނިސްބަތުން އެފަދަ ބޮޑެތި ޚަރަދު ކުރުމަށް ދަތިވާއިރު، 27 މީހުން ދިރިއުޅުމަށްޓަކައި ކަޅައިދުއަށް އެހާބޮޑު ޚަރަދެއް ކުރެއްވެން ނެތުމާ އެކުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.