06 Dec 2011, 18:20
ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އަޅައި، މުޅި ރާއްޖެ އަށް އިންޓަނެޓުގެ އަވަސް ހިދުމަތް ދިނުމަށް ދިރާގުން ހިންގާ 22 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއު ހދ. ކުޅުދުއްފުށީގައި މިއަދު ފައްޓައިފި އެވެ.
ރާއްޖޭގެ އުތުރުން ދެކުނަށް ކަނޑުއަޑިން އަޅާ ކޭބަލްގެ މަސައްކަތް ފަށްޓަވައި ދެއްވީ ހދ. ކުޅުދުއްފުށީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
ހދ. ކުޅުދުއްފުށީގެ ބޮޑުމަގުގެ އުތުރުކޮޅު އަތިރިމަތީގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މިއަދު ދިރާގުން ފެށި މަޝްރޫއުގެ ސަބަބުން ރާއްޖެ އަށް މިހާރަށް ވުރެ ފަސޭހަކޮށް އަވަހަށް، ރަނގަޅު މައުލޫމާތު ލިބެމުންދާނެ ކަމަށެވެ.
"އެކެއްގެ ކިބައިގައި ހުރި މައުލޫމާތު އަނެކަކަށް ވާސިލްކޮށް ދިނުމަށް ވެސް މިއަދު މި ފެށޭ ފެށުމަކީ ވެސް ކޮންމެހެން ބޭނުންތެރިކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިންޓަނެޓްގެ ސްޕީޑް ލަސްވުމަކީ އިންޓަނެޓް ބޭނުންކުރާ ވަރަށް ގިނަ ބަޔަކަށް ފާހަގަކުރެވިފައިވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކަންކަން ނުކުރެވުމާއި އަދި މައުލޫމާތު ރަނގަޅަށް ނުލިބި މުޅި ނިޒާމް އެކީގައި ފެއިލް ވެފައިވާ ކަމަށެވެ. އަދި އެއީ މުއާސަލާތުގެ ބޭނުން ފުރިހަމަ ގޮތުގައި ރާއްޖޭގެ އެކި ރަށްރަށަށް ނުހިފިވާ އެންމެ ބޮޑު ސަބަބު ކަމަށް ވެސް ވިދާޅުވި އެވެ.
"އިންޓަނެޓް ލަސްވީމާ ކަންކަން ނުކުރެވޭކަން އެންމެނަށް އެނގޭ. އަދި މައުލޫމާތު ރަނގަޅަށް ނުލިބުމާއި މުޅި ނިޒާމް އެކީގައި ފެއިލްވެދާކަމީ އަޅުގަނޑުމެންނަށް މިއަދާ ހަމަޔަށް އާދެވުނު އިރު ވެސް މުއާސަލާތުގެ ފުރިހަމަ ބޭނުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ނުހިފިވާ އެންމެ ބޮޑު އެއް ސަބަބު. ދިރާގާއި ކޭބަލް އެންޑް ވަޔަލެސް އެކުގައި ހިންގޭ މި ބޮޑު މަޝްރޫއުގެ ސަބަބުން ރާއްޖެ އަށް ބަދަލުތަކެއް އަންނާނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ވިސްނޭ،" ރައީސް ވިދާޅުވި އެވެ.
ދިރާގުން މިދިޔަ މަހު ވިއްކަން ފަށާފައިވާ ހިއްސާ ވިއްކުމުގެ މަސައްކަތާ ގުޅިގެން ރައީސް ވިދާޅުވީ ސަރުކާރުން ވިއްކަން ކަނޑައެޅި އަދަދުގެ 40 ޕަސެންޓް މިހާރު ވިކިފައިވާ ކަމަށެވެ. އަދި ދިރާގުގެ ހިއްސާދާރުންގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ހިމެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެއީ ދިރާގަށް ލިބެ ކުރިއެރުމެއް ކަމަށް ދެކޭ ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުއާ ގުޅޭ ގޮތުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިއަދަކީ ރާއްޖޭގެ ތާރީޚުގައި ކުލަގަދަކޮށް ފާހަގަކޮށްލެވޭނެ ދުވަހެއް ކަމަށާއި 1253 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލުން ރާއްޖޭގެ އަށް ސަރަހައްދީ ހައިސްޕީޑް ނެޓްވޯކުން ގުޅާލެވޭނެ ކަމަށެވެ.
އަދި އެ ސަބްމެރިން ކޭބަލަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބްރޯޑްބޭންޑް ސާވިސް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ވަރަށް މުހިންމު ބައެއް ކަމުގައި ވިދާޅުވި އެވެ.
މިހާރު ދިރާގުން ހިދުމަތް ދެނީ މައިކްރޯވޭކް ނެޓްވޯކެއް މެދުވެރިކޮށް ކަމަށާއި އެ ނެޓްވޯކް މެދުވެރިކޮށް އެ ދެވޭގޮތެއްގައި ހިދުމަތް ދިނުމަށް ނުކުޅެދިފައިވާ އިރު މި ނެޓްވޯކުގެ ސަބަބުން ހިދުމަތްތައް ފުޅާކޮށް ހައިސްޕީޑްގައި އޭޑީއެސްއެލް ބްރޯޑްބޭންޑް ހިދުމަތް ނުދެވޭ ރަށްތަކަށް ދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި މަހުގެ 24ގެ ނިޔަލަށް ނިންމައި އަންނަ އަހަރުގެ އޭޕްރީލް މަހު ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ސަބްމެރިން ކޭބަލް އެޅުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށިން އޭދަފުއްޓަށް، އަދި އެ ރަށުން ހުޅުމާލެ އަށް، ހުޅުމާލެ އިން ދަނގެއްޗަށެވެ. އަދި ދަނގެތިން ލ. އަތޮޅަށް އަދި އެ އަތޮޅުން ގައްދުއިން އައްޑުއާއި ފުވައްމުލަކަށް ސަބްމެރިން ކޭބަލް އެޅުމަށް ހަމަޖެހިފައިވެ އެވެ.
ދިރާގުން އަޅާ ސަބްމެރިން ކޭބަލްގެ މެގަ ނެޓްވޯކުގެ ސަބަބުން ކުރިއަށް އޮތް 25 އަހަރަށް ބޭނުންވާ ބޭންޑް ވިތަށް ހިދުމަތް ދިނުމުގެ ގާބިލްކަން ދިރާގަށް ލިބޭނެ ކަމަށާއި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.