18 Feb 2020, 07:44
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާ ފިލްމަކަށް އާލިއާ ބަޓް އާއި ޝާހިދު ކަޕޫރު ސޮއިކޮށްފި ކަމަށް ހަބަރުތައް ބުނެފިއެވެ.
ނަން ހާމަނުކުރާ އެ ފިލްމަށް ދެތަރިން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު އެ ފިލްމުން މި ދެތަރިން އެކުގައި ފެނިއްޖެނަމަ އެ ފިލްމުވެގެންދާނީ ދެތަރިން އެކުގައި ފެނިގެންދާ ތިން ވަނަ ފިލްމަކަށެވެ.
އަލަށް ޑައިރެކްޝަނަށް ނުކުންނަ މީހަކު ޑައިރެކްޓްކުރާ އެ ފިލްމުގެ ޝޫޓިން ފަށާނީ ޝާހިދު ކަޕޫރުގެ "ޖާޒީ"ގެ މަސައްކަތްތަކަށް ފަހުއެވެ. މި އަހަރު ފަހުކޮޅު ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ އެ ފިލްމު ސިނަމާތަކުގައި އަޅުވާނީ އަންނަ އަހަރު މެދުތެރޭ ނޫނީ ފަހުކޮޅު ކަމަށް ހަބަރުތައް ބުނެއެވެ.
އާލިއާ އާއި ޝާހިދު ކަޕޫރު އެކުގައި ވަނީ "ޝާންދާރް" އަދި "އުޅްތާ ޕަންޖާބް" ކުޅެފައެވެ. އާލިއާ މިހާރު މަސައްކަތްކުރަމުން އަންނަނީ ގަންގޫބާއީ ގައެވެ. އެ ފިލްމަކީ އިންޑިއާގެ ކުރީގެ ވަރަށް މަޝްހޫރު އަންހެން ގޭންގްސްޓާރު ގަންގޫބާއީ ކޮތޭވާލީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އެ ފިލްމުގެ މަސައްކަތްތައް ނިންމުމަށްފަހު އާލިއާ އަންނަ މަހު ކަރަން ޖޯހަރުގެ "ތަޚުތު"ގެ ޝޫޓިން ފަށާނެއެވެ. އޭނާ ދެން އެންމެ އަވަހަށް ސިނަމާތަކުން ފެނިގެންދާނީ އޭނާގެ ބައްޕަ މަހޭޝް ބަޓްގެ "ސަޅަކް 2" އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ ޖުލައި 10 ގައެވެ.