06 Dec 2011, 17:10
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި މުއައްސަސާތަކަށް ހިމަނާފައިވާ ބަޖެޓްތަކުގެ ތަފްސީލު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމެޓީ އަށް ހުށަހެޅުމަށް ދައުލަތުގެ މުއައްސަސާތަކަށް މިއަދު އަންގައިފި އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އެކި އިދާރާތަކަށް ކަނޑައަޅާފައިވާ ފައިސާގެ ތަފްސީލުތައް ހިމަނާފައި ނުވުމުން އެ ތަފްސީލްތައް މަޖިލީހަށް ހުށަހެޅުމަށް ބަޖެޓް ކޮމެޓީގެ ނިންމީ ކޮމެޓީ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. ތަފްސީލްތަކާ އެކު މި އަހަރަށް ލަފާކޮށްފައިވާ ބަޖެޓްގެ ހަރަދުތަކުގެ ތަފްސީލު ހިނގާފައިވާ ގޮތް ބެލުމަށް ވެސް އިދާރާތަކަށް އަންގާފައިވެ އެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމުގައި ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަނަންވާ ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ވިދާޅުވީ، ގޮތް ނޭނގޭ ގޮތަށް އެތައް ފައިސާއެއް ބަޖެޓްގައި ޖަހާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ހެޔޮވެރިކަމާއި އޯގާތެރި ސަރުކާރުގެ ނަމުގައި ބަޖެޓްގައި 395 މިލިއަން ރުފިޔާ ޖަހާފައިވާ ކަމަށާއި އެފަދަ ކަންތައްތަކަށް ފައިސާ ބަޖެޓްގައި ހިމަނާ އިރު އެފަދަ ޕްރޮގްރާމްތަކުގެ ތަފްސީލް ހިމަނަން ޖެހޭނެ ކަމަށެވެ.
"އޯގާތެރި ސަރުކާރާއި ހެޔޮވެރިކަމޭ ކިޔާފައި 395 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވޭ. އެކަމުގެ ތަފްސީލު އެނގެން އެބަޖެހޭ. އެހެންވީމާ ގޮތް ނޭނގޭ ގޮތަށް އެފަދަ އޯގާތެރި ސަރުކާރޭ ކިޔާފަ އެކަހަލަ އެއްޗެހި ޖެހީމަ އަޅުގަނޑުމެން އެބަޖެހޭ އެކަންތައް ހޯދަން،" އަލީ އާރިފު ވިދާޅުވި އެވެ.
މިއަދުގެ ކޮމެޓީގައި ވަނީ ޑިސެންބަރު 26، 2004ގެ ސުނާމީ ކާރިސާއާ ގުޅިގެން އަތޮޅުތަކުގައި ހާލުގައި ޖެހި ވަގުތީ ހިޔާތަކުގައި ތިބި މީހުންނަށް ބަޖެޓްގައި ފައިސާގެ އެހީވެދިނުމަށް މަޖިލީގުގެ ސުނާމީ ކޮމެޓީން ހުށަހެޅި މައްސަލައަކަށް ކޮމެޓީގައި މަޝްވަރާ ކުރި އެވެ. ނަމަވެސް އެ މައްސަލަ ކޮމެޓީގައި ކުރިއަށް ގެންދިއުމާ މެދު މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދުނެވެ. ނަމަވެސް ކޮމެޓިގެ މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވީ ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން އަދި ވެސް ވަގުތީ ހިޔާތަކުގައި ތިބީ ކިތައް މީހުންތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ހައުސިން މިނިސްޓްރީ އަށް ހުށަހަޅައިގެން އެކަމުގެ ތަފްސީލްތައް ހޯދުމަށް ފަހު ކޮމެޓީން މެންބަރުން އެއްބަސްވާ ގޮތަކަށް ނިންމާނީ ކަމަށް ގާސިމް ވިދާޅުވި އެވެ.