ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު ހާމަކުރުމުގެ ގައިޑްލައިނެއް މީޑިޔާ ކައުންސިލުން މިއަދު އާންމުކޮށްފި އެވެ.

މީޑިޔާ ކައުންސިލުން ބުނީ ކުޑަކުދިންނާ ގުޅޭ ހަބަރާއި މައުލޫމާތު އާއްމުކުރުމުގެ ގައިޑްލައިން އެކުލަވާލެވިފައި ވަނީ ޔުނިސެފްގެ "ރިޕޯޓިންގް ގައިޑްލައިން އޮން ޗައިލްޑް އެޓް ރިސްކު" ރިޕޯޓްގެ މައިގަނޑު ބައިތަކާއި ރާއްޖޭގައި ކުޑަކުދިންނާ ގުޅޭ ހަބަރުތައް ގެނެސްދިނުމުގައި ފާހަގަކުރެވޭ ކަންކަމަށް ބަލައިގެންކަމަ ށެވެ.

މައިގަނޑު ހަތް އަސާސެއްގެ މައްޗަށް އެކުލެވޭ މި ގައިޑްލައިނުގައި ނޫސްވެރިން ކޮންމެ ފަދަ ހާލަތެއްގައި ވެސް ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް އިހްތިރާމް ކުރަން ވާނެ ކަމަށް ވަނީ ބުނެފަވެ އެވެ. މީގެ އިތުރަށް ކުޑަކުދިންނާއި އިންޓަވިއުކުރުމުގައި ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަންތައްތަކާއި ކުޑަކުދިންނާ ގުޅޭ ހަބަރުތައް ރިޕޯޓްކުރުމުގައި ސަމާލްކަން ދޭން ޖެހޭ ކަންތައްތަކެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީޑިޔާ ކައުންސިލްގެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ޒިންމާދާރު އަދި ޕްރޮފެޝަނަލް ނޫސްވެރިކަމެއް ކުރުމަށް ރާއްޖޭގެ މީޑިޔާތަކުން ކުރަމުންދާ މަސައްކަތައް ގައިޑްލައިނުގެ ސަބަބުން އެހީތެރިކަމާއި ކުރިއެރުން ލިބިގެން ދާނެ ކަމަށެވެ.