06 Dec 2011, 16:37
ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ދުވަސް ގދ. އަތޮޅުގައި ފާހަގަ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީއީ) އިން ނިންމައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި މުޅި ދުނިޔޭގައި ޑިސެމްބަރު ނުވަނަ ދުވަހު ބާއްވާ އެ ހަރަކާތްތައް ރާއްޖެ އިން ގދ. އަތޮޅުގައި ބާއްވަން ނިންމީ އެ ސަރަހައްދަކީ ކޮރަޕްޝަންގެ އެންމެ ގިނަ މައްސަލަތައް ރިޕޯޓް ކުރި ސަރަހައްދުކަމަށް ވާތީ ކަމަށެވެ.
"އެ ދުވަހުގެ ސަބަބުން ކޮރަޕްޝަނުގެ މައުލޫމާތުތައް ގިނަ ބަޔަކަށް ލިބި ކޮރަޕްޝަނާ މެދު ގިނަ ބަޔަކު ހޭލުންތެރިވާނެ ކަމަށް އުންމީދު ކުރަމެވެ،"އެ ބަޔާނުގައިވެ އެވެ.
ގއ. އަތޮޅުގެ ފަރާތްތަކަށް ވެސް ދައުވަތުދީގެން ގދ. ތިނދޫގައި ވަނީ ހާއްސަ ފޯރަމެއް ވެސް ބާއްވަން ނިންމައިފަ އެވެ. އަދި ކުޑަކުދިންގެ ހަވީރަކާއި ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ވެސް ކުރިއަށް ގެންދަން ވަނީ ރާވާފަ އެވެ.
ކޮރަޕްޝަނާ ދެކޮޅު ދުވަސް އަތޮޅެއްގައި ފުރަތަމަ ފަހަރަށް ފާހަގަ ކުރާ އިރު ޓްރާންސްޕޭރަންސީގެ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ހިމެނެނީ ކޮރަޕްޝަންގެ ހާލަތު އެންމެ ގޯސްގައުމުތަކުގެ ލިސްޓުގަ އެވެ.