06 Dec 2011, 16:30
ބަޣްދާދު (ޑިސެމްބަރ 6) : ޢިރާޤުގެ ކުރީގެ ޚާރިޖީވަޒީރު އަދި ބޮޑުވަޒީރުގެ ނައިބު ތާރިޤް ޢަޒީޒް 2012 ވަނަ އަހަރު ދަންޖައްސައި މަރާލެވޭނެ ކަމަށް ޢިރާޤުން ބުނެފިއެވެ.
ޢިރާޤުގެ ބޮޑުވަޒީރުގެ ނޫރީއަލްމާލިކީގެ މުސްތަޝާރު ޔޫސުފުލްމަތްލަބީ ވިދާޅުވީ 2012 ވަނަ އަހަރު ފެށޭއިރު އެމެރިކާ ސިފައިން ޢިރާޤުން ފައިބާ ނިމޭނެ ކަމަށާއި އެހިސާބުން ތާރިޤް އަޒީޒަށް މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވާ ކަމުގައެވެ.
މަތްލަބީ ވިދާޅުވީ މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވާ މީހުންނަށް އެއަދަބު ދިނުމުގެ މައްސަލަ 15 ދުވަހުގެ ތެރޭގައި ތަސްދީޤުކުރުން ޢިރާޤުގެ ރައީސަށް ލާޒިމްކުރާ ޤާނޫނެއް މިހާރު ފާސްކުރުމުގެ މަގުމަތީގައިވާ ކަމަށާއި މިޤާނޫނުގެ ދެލިކޮޕީއަށް ޢިރާޤުގެ ޕާލަމެންޓްގެ ޝިޔަޢީންނާއި ސުންނީންނާއި ކުރުދީންގެ މެންބަރުން ތާއީދުކުރާ ކަމުގައެވެ.
ތާރިޤް އަޒީޒަށް މަރުގެ އަދަބު ދިނުމަށް ޢިރާޤުގެ ޖިނާއީ ކަންތައްތަކާބެހޭ އެންމެމަތީ ކޯޓުން ޙުކުމް ކޮށްފައިވަނީ 2010 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައެވެ. ނަމަވެސް ޢިރާޤުގެ ރައީސް ޖަލާލް އައްތަލަބާނީ އަދިވެސް މިޙުކުމް ތަސްދީޤު ކުރައްވާފައެއްނުވެއެވެ.
ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމުގައި އިސްމަޤާމެއް އަދާކުރެއްވި ހަމައެކަނި ނަސާރާ ޝަޚްސިއްޔަތަކީ ތާރިޤް ޢަޒީޒެވެ. އުމުރުން 77 އަހަރުގެ ޢަޒީޒަކީ މިހާރު ޖަލުގެ ބަލިއެނދުގައި އޮންނަވާ ބޭފުޅެކެވެ. އޭނާއަށް ސިއްޙީ ހާލުކޮޅަށް ރިޢާޔަތްކޮށް އޭނާއަށް މަރުގެ އަދަބު ނުދިނުމަށް ވެޓިކަން އާއި އެމްނެސްޓި އިންޓަރނޭޝަނަލް އިން ވަނީ ޢިރާޤު ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.
ބައިނަލްއަޤްވާމީ ޤާނޫނަށް ގޮންޖެހުމަށްފަހު އެމެރިކާ ޢިރާޤަށް ގަދަބާރުން އަރައި ސައްދާމްގެ ސަރުކާރު ވައްޓާލުމަށްފަހު ތާރިޤް ޢަޒީޒް ހައްޔަރުކުރީ 2003 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. (ޔޫ.ޕީ.އައި)