17 Feb 2020, 12:11
ވައިޓް ހައުސް (17 ފެބްރުއަރީ 2020) : ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ފައިހަރުކޮށްލައިގެން ތިބި ހަމައެކަނި ސަރަހައްދު ކަމަށްވާ އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމައިގާ ސޫރިޔާ ސިފައިން ބޮޑެތި ކުރިއެރުންތަކެއް ހޯދުމުން އެމެރިކާ ކަންބޮޑުވެއްޖެ އެވެ.
ވައިޓް ހައުސް އިން ބުނީ ސޫރިޔާ ސިފައިން އިދްލިބްގެ ބޮޑުބައެއް އެމީހުންގެ ބާރުގެ ދަށަށްގެނައުމާ ގުޅިގެން ރައީސް ޑޮނަލްޑް ޓްރަމްޕް، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރުދުޣާނަށް ފޯނުންގުޅުއްވައި ސޫރިޔާ ސިފައިންނާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާ ކަމުގަ އެވެ. އަދި ރަޝިއާގެ ރައީސް ވްލްޑިމީރު ޕޫޓިން އާވެސް ފޯނުން ގުޅުއްވައި ސޫރިޔާ ސިފައިންގެ ހަމަލާތައް ހުއްޓުވައި ދިނުމަށް އެދިވަޑައިގެންފައިވާ ކަމުގަ އެވެ.
ސޫރިޔާ ސިފައިން ފާއިތުވި 48 ގަޑިއިރު ތެރޭގައި ވަނީ ތުރުކީގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ފަހަތަށްޖައްސައި ހަލަބް އާއި އިދްލިބް ގުޅުވައިދޭ މައި ހައިވޭ ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެނަސްފަ އެވެ. މިއީ ސޫރިޔާގެ ވެރިރަށް ދިމިޝްގާ ވެސް ގުޅިފައިވާ ދިގު ހައިވޭއެކެވެ. ސޫރިޔާގެ އުތުރަށް ހުއްދައަކާނުލައި ވަދެގެން އުޅޭ ތުރުކީ ސިފައިންނާއި ތުރުކީގެ މަދަދުލިބޭ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން އެ ހައިވޭ ބޭނުންކުރަނީ ސޫރިޔާގެ ވެރިރަށް ދިމިޝްގު އިގްތިސާދީ ގޮތުން ހިސާރު ކުރުމަށެވެ. މި ހައިވޭ އަތްދަށުލައިގެން އެފަރާތްތަކުން ވަނީ ދިމިޝްގަށް ބޭނުންވާ ކާބޯތަކެއްޗާއި އާންމު މުދަލުގެ ސަޕްލައިތަކަށް ހުރަސް އަޅައި ދިމިޝްގު ހިސާރުކުރުމުގައި ފާއިތުވި ހަތްއަހަރު ކާމިޔާބު ހޯދާފަ އެވެ.
އެމް ފައިވް ގެ ނަމުން ނަންދީފައިވާ މި ހައިވޭ އިއްޔެ މިނިވަންކޮށް ސޫރިޔާ ސަރުކާރުގެ ބާރުގެ ދަށަށް ގެނަސްފައިވާއިރު މިކަމަށް ޓަކައި ސޫރިއާ ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންގައި ސޫރިޔާ ސިފައިންވަނީ އިދްލިބްގެ އިރު އުތުރުގައި އޮންނަ ހަލަބްގައި މިހާތަނަށް މިނިވަންނުކުރެވި އޮތް ސަރަހައްދު ވެސް މިނިވަންކޮށް މުޅި ހަލަބްގެ ކޮންޓްރޯލް ހޯދާފަ އެވެ.
އިދްލިބް މިނިވަން ކުރުމުގެ ހަނގުރާމައިގާ ސޫރިޔާ ސިފައިން އިދިކޮޅު ހަނގުރާމަވެރިންނާއި އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން ގެންދާއިރު ތުރުކީ ގެންދަނީ އެގައުމުން ކޮންޓްރޯލްކުރާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށްދީގެން ސޫރިޔާ ސިފައިންގެ ކުރިއެރުން ހުއްޓުވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހަނގުރާމަ ނުުހުއްޓާނަމަ ސޫރިއާ ސިފައިންނަށް ސީދާ ގޮތެއްގައި ހަމަލާތައް ދޭނެކަމުގެ އިންޒާރު ވެސް ތުުރުކީގެ ރައީސް ރަޖަބް ތައްޔިބު އެރްދުޣާން ވަނީ ދެއްވާފަ އެވެ.
އަދި ތުރުކީންވަނީ އެގައުމުގެ އިތުރު ސިފައިންނާއި ބަރުހަތިޔާރު ވެސް ސަރަހައްދީ ރޮނގު ހުރަސްކޮށް އިދްލިބް އަށް ވައްދަމުންނެވެ. މިމައްސަލާގައި ސޫރިޔާ ސިފައިންނަށް މަދަދުދޭ ރަޝިއާއާ ވެސް ތުރުކީވަނީ ވަރަށް ބޮޑަށް ދެބަސްވެފައެވެ. ރަޝިޔާއަކީ އިދްލިބް މިމިނިވަންކުރުމުގެ ހަނގުރާމައިގާ ސޫރިޔާ ސިފައިންނަށް މަދަދުދޭ އެންމެ ބޮޑު ފަރާތެވެ. ރަޝިއާގެ އަސްކަރީ ބޯޓުތަކުން ކެނޑިނޭޅި އިދްލިބްއަށް ވައިގެ ޙަމަލާތައް ދެމުން ގެންދެ އެވެ.
ރަޝިއާގެ ޙަމަލާތަކާއި ސޫރިޔާ ސިފައިން އިދްލިބަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެ ޕްރޮވިންސްގެ ރަށްތަކާއި އަވައްތައް ދޫކޮށް ރައްކާތެރި ތަންތަނަކަށް ދިޔުމުގެ ދަތުރު ގަދަ ފިނީގައި އިދްލިބްގެ އާންމުން ފަށާފައިވާއިރު އެމީހުން ތަހައްމަލް ކުރަމުން ގެންދަނީ އިއިންސާނުންގެ ހިތް ފަޅައިގެންދާ ވަރުގެ އިންސާނީ ހާލަތެކެވެ. ތުރުކީ ކަންބޮޑުވަނީ އެމީހުން ތުރުކީގެ ސަރަހައްދަށްވަނުމުން ތުރުކީން އެމީހުންނަށް ޚަރަދުކުރަންޖެހޭތީއެވެ. މިހާރު ވެސް ތުރުކީގައި ސޫރިޔާގެ 3.5 މިލިޔަން ރެފިއުޖީން ދިރިއުޅެ އެވެ. ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީ އަމިއްލަ މަސްލަހަތަށް ޓަކައި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ތުރުކީއާއި އެނޫން ވެސް ބޭރުގައުމުތަކުން ހަތިޔާރު ދީގެން ސޫރިއާ ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
އިދްލިބްގެ ހަނގުރާމައިގެ ސަބަބުން އިދްލިބްގެ ބައިމިލަޔަނަށް ވުރެ ގިނަ އާންމުންވަނީ އެމީހުންގެ ގެދޮރުގެއްލި ރެފިއުޖީންގެ ގޮތުގައި ވިއްސިވިހާލިވެ ހާލުގައި ޖެހިފައެވެ. އަދި މި ހަނގުރާމައިގާ ހަނގުރާމަވެރިންގެ އިތުރުން އިދްލިބްގެ އާންމުންވެސް ގިނަ އަދަދަކަށް ދަނީ މަރުވަމުންނެވެ. އދ. ން ވަނީ އިދްލިބްގެ ހަނގުރާމައިގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވަމުން ދާކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)