06 Dec 2011, 16:29
ހަތް މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށް އެ ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބާއްވައިފި އެވެ.
މިއަދު ފަނޑިޔާރުން އައްޔަން ކޮށްފައިވަނީ ކ. ގާފަރު މެޖިސްޓްރޭޓް ކޯޓާއި، ގއ. ދެއްވަދޫ މެޖިސްޓްރޭޓް ކޯޓާއި، އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓާއި، އއ. އުކުޅަސް މެޖިސްޓްރޭޓް ކޯޓާއި، ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓު އަދި މ. ދިއްގަރު މެޖިސްޓްރޭޓް ކޯޓަށަށާއި އދ. މާމިގިލީ ކޯޓަށެވެ.
މީގެ ތެރެއިންގާފަރު ކޯޓަށް އައްޔަން ކުރެއްވީ ދ. މީދޫ ބިއްލޫރި ވިލާ އަލީ ޝަފީގެވެ. ދެއްވަދޫ ކޯޓަށް ގދ. ތިނަދޫ މީރާޒް، އަހުމަދު ޝަރީފެވެ. އޮމަދޫ ކޯޓަށް ލެއްވީ މާލޭ ދަފުތަރު އާދަމް އިބުރާހީމެވެ. އުކުޅަހު ކޯޓަށް ގއ. ކޮނޑޭ، ފަހެލަ، އަހުމަދު މުއާވިޔަތު ގާސިމެވެ. ދިއްޔަރު ކޯޓަށް ހދ. ނޭކުރަންދޫ ގުލާބީގޭ ހުސައިން އާމިރެވެ. ހިތަދޫ ކޯޓަށް އެރަށު ސްނޯ ޑްރޮޕް ރަފީއުއްދީން އަހުމަދެވެ. މާމިގިލީ ކޯޓަށް ދަފުތަރު، މުހައްމަދު އީސާފުޅެވެ.
ޖޭއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ފަނޑިޔާރުން ހުވާ ކުރައްވާ ނިމުމުން ފަނޑިޔާރުކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ އެވެ.
ފަނޑިޔާރު ކަމުގެ ފަތްކޮޅު ހަވާލުކޮށްދެއްވުމަށް ފަހު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ އިސްލާމް ދީނުގައި އަދުލު އިންސާފު ގާއިމްކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާފައިވާ ކަމަށާއި އަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން އިންސާނީ ކޮންމެ މުޖުތަމައުއެއްގައި ވެސް އަދުލު އިންސާފް ގާއިމްކުރައްވަން ޖެހޭނެ ކަމަށެވެ. ފުރިހަމަ އަދުލުއިންސާފެއް ގާއިމްކޮށްގެން ނޫނީ އެއްވެސް ބަޔަކަށް ހަމަޖެހުމެއް ނުލިބޭނެކަމަށް ވެސް ވިދާޅުވި އެވެ.