06 Dec 2011, 16:09
މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެ ދޮޅު އަހަރަށް އަރުވާލުމަށް އިސްމާއީލް އަބްދުލް ހަމީދުގެ މައްޗަށް ކުރި ހުކުމާ އެއް ގޮތަށް އޭނާ އަރުވާލުމަށް ޑީޕީއާރްއެސް އިން މަސައްކަތް ކުރަމުން ދަނިކޮށް އިސްމާއީލް އަބްދުލް ހަމީދު މާލޭގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ޑީޕީއާރްއެސް އަށް އަންގައިފި އެވެ.
އިސްމާއީލް އަބްދުލް ހަމީދުގެ ވަކީލުންގެ ޓީމްގެ އިސް ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ ޑީޕީއާރްއެސްގެ ބެލުމުގެ ދަށުގައި އިސްމާއިލް މާލޭގައި ބެހެއްޓުމަށް ސުޕްރީމް ކޯޓުން ޑީޕީއާރް އެސް އަށް މިއަދު އަންގާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން އިސްމާއީލަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
މިވަގުތު ރިސެސްގައި އޮތް ސުޕްރީމް ކޯޓްގައި އެފަދަ އަމުރަކަށް އިސްމާއިލްގެ ފާރާތުން އެދި ވަޑައިގަތީ ކުރިންނެވެ. އެއީ މިދިޔަ މަހުގެ 29 ވީ ދުވަހު ބޭއްވި އިލްތިމާސް މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައެވެ.
"މި ގޮތަށް ސުޕްރީމް ކޯޓުން މި އެންގީ އަޅުގަނޑުމެނެ އެފަދަ އަމުރަކަށް ކޯޓުގައި އެދިފައިވާތީ،" ޝާއިރު ވިދާޅުވި އެވެ.
"މީގެ ކުރިން ޑީޕީއާރްއެސް އިން އަމަލުކޮށްފައި ވަނީ ޚާއްސަކޮށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއްޖެ ނަމަ ކޯޓުގެ ޝަރީއަތްތައް ނިމެންދެން އެމީހަކު މާލޭގައި ބަހައްޓާ ގޮތަށް އެކަމަކު މިފަހަރު އަމަލު ކުރަން އުޅުނީ އެއާއި މުޅިން ޚިލާފަށް،"
ސުޕްރީމް ކޯޓުން މި ގޮތަށް ނިންމެވީ އިސްމާއީލްގެ މައްޗަށް ކޮށްފައިވާ ދޮޅު އަހަރަށް އަރުވާލުމުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އިސްމާއީލް އަރުވާލެވެން ބޭނުންފުޅުވާ ރަށެއް ތިން ދުވަސްތެރޭގައި އެންގުމަށް ޗިޓް ފޮނުވާފައި ވަނިކޮށެވެ.
ސަން އަން އެނގިފައިވާ ގޮތުގައި ޑީޕީއާރްއެސް އިން ނިންމާފައި ވަނީ އަރުވާލެވެން އިސްމާއިލް ބޭނުންފުޅުވާ ރަށެއް މާދަމާ ނާންގަވައިފި ނަމަ ޑީޕީއާރްއެސް އިން ބޭނުންވާ ރަކަށަކަށް އިސްމާއީލް އަރުވާލަން އޮޑިއަށް ލުމަށެވެ.
އިސްމާއިލް އަރުވާލުމުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ތިން ދުވަސްތެރޭގައި ރަށެއް އަންގަން ފޮނުވި ޗިޓްގެ މުއްދަތު ހަމަވާނީ ވެސް މިއަށެވެ.