19:00


ޑީއާރުޕީގެ އަންހެނުންގެ ގޮފިން އިސްނަގައިގެން ތައްޔާރުކުރަމުންދާ ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ބިލު އަންނަ މަހުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.


ޑީއާރުޕީގެ އަންހެނުންގެ ގޮފީގެ ރައީސާ ދުންޔާ މައުމޫން އެ ބިލާ ބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ޗުއްޓީން އައުމުން ހުށަހަޅަން ނިންމާފައިވާ އެބިލު މަޖިލީހަށް ހުށަހެޅުން ލަސްވެގެން ދިޔައީ ބައެއް މަސައްކަތް ތައް ނުކުރެވި ހުރުމުންނާއި ރަށުން ބޭރުގެ ދަތުރުތަކުގައި އުޅުއްވަން ޖެހިވަޑައިގަތުމުން ކަމަށެވެ. ދުންޔާ ވިދާޅުވީ ބިލުގެ ޑްރާފްޓް ދެ ދުވަހެއްގެ ތެރޭ ސިޔާސީ އެހެން ޕާޓީތަކާ އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ ކުރީކޮޅު އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމާ ބެހޭ ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވާނީ އަންހެނުންނާއި އަންހެން ކުދިންނަށް ލިބެ އަނިޔާ ތަކާ ގުޅޭ ގޮތުން ނަމަވެސް ފިރިހެނުންނަށް ލިބޭ އަނިޔާ ވެސް ހިމެނޭނެ ކަމަށެވެ.


ދުންޔާ އިތުރަށް ވިދާޅުވީ އެ ބިލުގެ ޑްރާފްޓްގެ އިނގިރޭސި ތަރުޖަމާއެއް މިހާރު އދ.ގެ ބައެއް ޖަމިއްޔާތަކާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެބިލަށް ގެންނަނަން ޖެހެ އިތުރު ބަދަލު ތައް އެޖިމިއްޔާތަކުން މިހާރު ހިއްސާ ކޮށްފައިވާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.