16 Feb 2020, 20:09
އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމަށް ހޯމް މިނިސްޓްރީން ބޭފުޅަކު އައްޔަނުކުރައްވައިފިއެވެ.
އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް އަކީ މީހުން ބަންދުކުރާތަންތަނުގެ ހާލަތާއި އެތަންތަނުގައި ކަންހިނގާގޮތް ބަލާ ހޯމް މިނިސްޓްރީއަށް ރިޕޯޓްކުރުމަށްޓަކައި އައްޔަންކުރާ މީހެކެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ހ.ނޫމުތީ އައިޝަތު ނޫރާ މުހައްމަދު ކަމަށެވެ.
އޭނާ ވަނީ މާސްޓަސް އޮފް އާޓްސްއިން އިންޓަނޭޝަނަލް ސްޓަޑީޒްް އިން ތައުލީމް ހާސިލްކުރައްވައިފައެވެ.
ނޫރާ ކުރިން ވަނީ އަޕަރ ލޯވާ ޔުނިވާސިޓީން ސައިންސް އިން ސައިކޮލޮޖީ އެންޑް ކޮމިއުނިކޭޝަންއިން ބެޗެލާސް ޑިގްރީވެސް ހާސިލްކުރައްވާފައެވެ. އޭނާ އެންމެ ފަހުން މަސައްކަތްކުރެއްވީ މޯލްޑިވްސް ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައެވެ.
އޭގެކުރިން ނޫރާ ވަނީ ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓަރު ޕްރޮގްރާމްގެ މަގާމް އަދާކުރައްވާފައެވެ. އަދި ޔޫއެންޑީޕީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ ގޮތުގައާއި، ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރެއްވިއެވެ.
ނޫރާ އެމަގާމަށް އައްޔަންކުރެއްވީ ކުރިން އެމަގާމްގައި ހުންނެވި އަހުމަދު މުހައްމަދުފުޅު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަގާމު ހުސްވީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހުއެވެ.