16 Feb 2020, 20:51
ކޮވިޑް-19 (ކޮރޯނާ ވައިރަސް ރޯގާ) ފެތުރެމުންދިޔަ ނަމަވެސް، ޖެނުއަރީ މަހު ރާއްޖޭއަށް އެންމެ ގިނައިން އައީ ޗައިނާ ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރިން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖެނުއަރީގެ ނިޔަލަށް 31،744 ފަތުރުވެރިން ޗައިނާއިން ރާއްޖެއަށް އައިސްފައިވެ އެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ޗައިނާއިން ރާއްޖެ އައި 25،508 ފަތުރުވެރިންނަށް ވުރެ، 23 ޕަސެންޓް އިތުރު އަދަދެކެވެ.
ޗައިނާގައި ކޮވިޑް-19 ފެތުރެމުންދާތީ އެ ގައުމުން ރާއްޖެ އަންނަ މީހުން އައުން މަނާކުރުމަަށާއި ދެގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް މެދުކަނޑާލަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
ކެންސަލް ކުރި ބުކިންތައް ފަހުން ލިބޭނެ ކަމަށް ސަރުކާރުން ބުނެފައިވުމާއެކު މި މަހުގެ ތަފާސްހިސާބުތަކުގައި ޗައިނާ މާކެޓު ހީނަރުވި ނަމަވެސް، މުޅި އަހަރުގެ ތަފާސްހިސާބުތަކަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.
ޖެނުއަރީ މަހުގެ ތަފާހިސާބުތަކަށް ބަލާއިރު ޗައިނާ މާކެޓުގެ އިތުރުން މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމުލަ އަދަދު ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 14.3 ޕަސެންޓު ވަނީ އިތުރުވެފަ އެވެ.
އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު އައި ޖުމްލަ ފަތުރުވެރިންގެ އަދަދު 177،140 އަށް އަރާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައިސްފައިވަނީ 154،969 ފަތުރުވެރިންނެވެ.
ޗައިނާއަށް ފަހު ޖެނުއަރީ މަހު ދެން އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކަކީ އިޓަލީ، އިންޑިއާ، ރަޝިއާ އަދި އިނގިރޭސިވިލާތެވެ.
މި މުއްދަތުގައި އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވާ މާކެޓުތަކަކީ ވިއެޓްނާމް (185.1 ޕަސެންޓު)، ކަޒަކިސްތާނު (134.4 ޕަސެންޓު) އަދި ސައުދީ އަރަބިއްޔާ (130.9 ޕަސެންޓު)އެވެ.
ޖެނުއަރީ މަހު ފަތުރުވެރިން ހޭދަކުރި ބެޑްނައިޓްސް އަޅާކިޔާއިރު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބެޑްނައިޓްސްއަށް ވަނީ 9.9 ޕަސެންޓުގެ ކުރިއެރުމެއް އައިސްފަ އެވެ.