ގެދޮރު އިމާރާތް ކުރުމުގެ ޕްރޮޖެކްޓްތައް ހިންގައި އެ ޕްރޮޖެކްޓްތައް ފޭލިވެފައިތިބި ބޭފުޅުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވިއިރު، ތަފްސީލެއް ނެތި ގެދޮރު އިމާރާތް ކުރުމަށް ބަޖެޓްގައި ބޮޑު އަދަދެއް ހިމަނާފައިވާ މައްސަލައާމެދު ސުވާލު އުފެދޭކަމަށް މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަބުދުﷲ ޔާމީން ވިދާޅުވީ ބަޖެޓް ފޮތުގައި ވަރަށް ގިނަ އަދަދަކަށް ސަރުކާރުގެ ގެރެންޓީ ދިނުމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސަރުކާރުން ގެރެންޓީދޭ ކޮންމެ ފަހަރަކު އެއީ ބަޖެޓްގައި ލައިބިލިޓީއެއް އުފްދަން ޖެހޭ ފަހަރެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުން ގެރެންޓީ ދެއްވާ އެންމެ މަޝްރޫއެއް ދަންނަވާލާނަން. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އެބަ ދެއްވާ 500 މިލިޔަން ރުފިޔާގެ ގެރެންޓީ. މި ގެރެންޓީކުރަން ސަރުކާރަކުން 500 މިލިޔަން ރުފިޔާގެ ގެރެންޓީއެއް ދެއްވަންޖެހޭ ސަބަބެއް ގަބޫލެއް ނުކުރެވޭ. ގެދޮރު އިމާރާތް ކުރުމަށްއެކަނި 2012 ވަނަ އަހަރު އެބައޮތް 1.3 ބިލިޔަން. 2013 ވަނަ އަހަރު އެބައޮތް 1.6 ބިލިޔަން. ސުވާލަކީ ގެދޮރު އިމާރާތް ކުރަނީ ސަރުކާރުގެ ހަރަދުގައިތޯ ނޫނީ އިމާރާތް ކުރަންފަށާފައި، އެކަން ނުކުރެވި ހުއްޓާލާފަހުރި ތަންތަނަށް ގެރެންޓީ ދެއްވައިގެން ލޯނު ދެއްވަނީތޯ. ގަބޫލު ކުރަންޖެހޭ ސަރުކާރުގެ އިސް މަގާމުތަކުގައި އެބަ ތިއްބެވި ގެދޮރު އިމާރާތް ކުރުމުގެޕްރޮޖެކްޓު ހިންގަވައި އެ ޕްރޮޖެކްޓްތައް ފޭލިވެފައިތިބި ބޭފުޅުން،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ ފައިސާ ދަނީ ކޮން ދިމާލަކަށް، ކިހިނެއްތޯ ބަޖެޓްގައި އެނގެންނެތި އެ ފައިސާ ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ޔާމީން ވިދާޅުވީ ރަށްރަށުގައި ހިންގާ ފެނާއި ނަރުދަމާ އާއި ބަނދަރު ހެދުން ފަދަ ކެޕިޓަލް މަޝްރޫއުތަކަށް ހަރަދުކުރުމަށް4.7 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް މުޅިން ވެސް އެއީ ބޭރުގެ ލޯނުގެ އެހީގައި ހިންގާ ކަންތައްތައް ކަމަށެވެ. އަދި އެކަމަށް ލޯނު ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ބަޖެޓް ހިސާބު ފޮތުން ފެންނަން ނެތް ކަމަށާއި އެކަމަށް ލޯނު ނުލިބިއްޖެ ނަމަ ކެޕިޓަލް އިންވެސްޓްމަންޓުގެ އެއްވެސް ޕްރޮގްރާމެއް ނުހިންގޭނެ ކަމަށެވެ.