16 Feb 2020, 17:47
މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ޖެހިގެން ޓައިވާނުން މީހަކު މަރުވެއްޖެއެވެ.
މިއީ އެބަލި ޖެހިގެން ޓައިވާނުން މީހަކު މަރުވި ފުރަތަަމަ ފަހަރެވެ.
ޗައިނާއިން ބޭރުގައި މިހާތަނަށް ކޮރޯނާ ޖެހިގެން މަރުވެފައި ވަނީ ފިލިޕިންސާއި، ހޮންގްކޮންގާއި އަދި ޖަޕާނުގެ ރައްޔިތެއް އަކަންޏެވެ. އޭގެ އިތުރުން ޗައިނާ ފަތުރުވެރިއަކުވެސް އިއްޔެ ވަނީ ކޮރޯނާ ވައިރަސް ޖެހިގެން ފްރާންސްގައި މަރުވެފައެވެ.
ޓައިވާނުގެ ހެލްތު މިނިސްޓަރު ޗެން ޝީ ޗަންގް ވިދާޅުވީ ބަލި ޖެހުނު މީހާއަށް ބަލި ޖެހުނީ ކިހިނެއްތީ މިހާރު ބަލަމުންދާ ކަމަށެވެ.
އެ ބަލި ޖެހުނު މީހާ ކޮވިޑް 19 ޖެހިފައިވާ މީހަކާ ކައިރިވެފައި ނުވާ ކަމަށާއި އަދި ޓައިވާނުން ބޭރަށް ދަތުރުކޮށްފައި ނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވއިެވެ.
ކޮވިޑް-19 މިހާރު ދުނިޔޭގެ 27 ގައުމަކުން ފެނިފައިވާ އިރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 68،500އަށް ވުރެ އިތުރުވެފަ އެވެ.
ކޮވިޑް 19 އަލަށް ޖެހޭ މީހުންގެ އަދަދު މަދުވެއްޖެ ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ކޮވިޑް-19 ފެތުރެން ފެށިފަހުން އެގައުމުން ވަނީ ވައިރަސް ކޮންޓްރޯލު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ވައިރަސް ފުރަތަމަ ފެނުނު ވޫހާން އާއި ހޫބެއި ޕްރޮވިންސުގެ ގިނަ ސިޓީތައް ބަންދުކޮށް ދަތުރުފަތުރުގެ ހިދުމަތްތައް ވަނީ މެދުކަނޑާލާފައިވެ އެވެ.
މީގެ އިތުރުން ވެރިރަށް ބެއިޖިން އިން ވަނީ އެސިޓީން ބޭރުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ދާ އެންމެން 14 ދުވަސް ވަންދެން ކަރަންޓީނު ކުރުމަށް އަންގާފަ އެވެ. އެގޮތުން އެ 14 ދުވަހު އަމިއްލަ ގޭގައި ތިބުމަށް ނުވަތަ ކަރަންޓީނު ކުރަން ހާއްސަކޮށްފައިވާ ތަނަކަށް ދިޔުމަށް އެދިފަ އެވެ. އަދި އެގަވާއިދާ ހިލާފުވާ މީހުންނަށް އަދަބު ދޭނެ ކަމަށްވެސް އަންގާފަ އެވެ.