ސޯޝަލް މީޑިއާގައި މިހާރު ވައިރަލް ވެެގެން އުޅޭ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއާތަކަކީ ހަގީގަތެއް ނޫންކަމަށް ޔޫތުގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)ވެސް ވިދާޅުވެއްޖެ އެވެ.

އޯޑިއޯތަކުގައި އަލީ ވަހީދާއެކު އަސްހަދު އަޑުވެސް އިވެ އެވެ.

އެކަމާ ގުޅޭގޮތުން އަސްހަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އޯޑިއޯތަކަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް އަނބުރާ ގޭސްގަނޑެއް ކަަމަށެވެ. އެކަންކުރަނީ ބްލެކްމެއިލް ކުރުމުގެ ނިޔަތުގައި ކަމަށްވެސް އޭނާ ވަނީ ތުހުމަތުކުރައްވައިފައެވެ.

އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ މިހާރުވެސް އެމަގާމުގައި ހުންނެވި ބައްސާމް ޖަލީލް އެވެ.

"އެފްއޭއެމްގެ އިންތިހާބަކަށް ބައްސާމްއާ ދެކޮޅަށް އެހެން ކެންޑިޑޭޓްއަކު ނިކުމެދާނި ކަމުގެ ބިރަށް ޖަވާ އިސްވެހުރެ ސިޔާސީ ބަޔަކާއެކު ހިންގާ ގޭސް ގަނޑެއް. ތަހުގީގްކުރަންވީ. ހަގީގަތް ސާފުވާނެ" އަސްހަދުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ލީކްވި އޯޑިއޯތަކުގައި ކެބިނެޓްގެ މިނިސްޓަރުންނާއި، އެ މިނިސްޓްރީތަކުން ކުރަމުން ދާ މަސައްކަތަށް ފާޑު ކިޔާފައިވެ އެވެ.

އެ އޯޑިއޯތަކަކީ ހަގީގަތެއް ނޫން ކަމަށް މިނިސްޓަރު އަލީ ވަހީދުވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.