ބިމެއް ބޭނުން ކުރުމުގެ ހުއްދަ ނުލިބި ލަސްވެގެން އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން އިންޑިޔާ މީހަކު އެ ގައުމުގެ ސަރުކާރުގެ އޮފީހެއްގެ ތެރެ އަށް ވިހަގަދަ 40 ހަރުފަ ދޫކޮށްލައިފި އެވެ.

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގައި ދިރިއުޅޭ ހައްކުލް ނަމަކަށް ކިޔާ، ހަރުފަ ގެންގުޅޭ އެމީހާ ހަރުފަތައް ދޫކޮށްލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވާ ގޮތުގައި ބިން ބޭނުން ކުރުމުގެ ހުއްދަ އަށް އެދިގެން ކެތްތެރިކަމާ އެކު އޭނާ ވަނީ އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކޮށްފަ އެވެ. އަދި ލޭންޑް ރެޖިސްޓްރީ އޮފީސް ތެރެއަށް ހަރުފަތައް ދޫކޮށްލީ އެންމެ ފަހުން ގޮތް ހުސްވެގެން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ލޭންޑް ރެޖިސްޓްރޭޝަން އޮފީހުން ބުނެފައިވާ ގޮތުގައި ހަރުފަތައް ހިފައި އޮޅުކޮށްގެން ގެންގުޅުމަކީ އިންޑިޔާގައި މަނާ ކަމެކެވެ. އަދި ހައްކުލްއަށް ބިން ދޫނުކުރީ އޭނާ އެ ބިން ހޯދަން މަސައްކަތް ކުރަނީ ހަރުފަ ގެންގުޅެން ކަމަށް ވާތީ އެވެ.

"އޭނާ ބިން ހޯދަން އެދުނީ ހަރުފަ ގެންގުޅުން، ނަމަވެސް އެކަހަލަ މަސައްކަތް ކުރަން ހުއްދައެއް ނެތް،" އިންޑިޔާގެ ލޭންޑް ރެވެނިއު އޮތޯރިޓީގެ ވެރިޔާ ސުބާޝް މާނީ ތުރިޕަތީ އޭ އެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.
ތުރިޕަތީ ވިދާޅުވެފައިވާ ގޮތުގައި ލިއުމުން ޖަވާބެއް ދެންދެން މަޑު ނުކޮށް ހައްކުލް ވަނީ އޮފީސް ތެރެއަށް ހަރުފަތައް ދޫކޮށް، އޮފީސް ތެރޭގައި ހާސްކަން އުފައްދައިފަ އެވެ.

ހައްކުލް ދޫކޮށްލި ހަރުފަތައް ފޮރެސްޓްރީ ޑިޕާޓްމަންޓްގެ އޮފިޝަލުން ވަގުތުން ހިފައި ހައްޔަރުކޮށްފައި ވާތީ އެ ހާދިސާގައި އެ އޮފީހުގައި ތިބި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. (ދަ ގާޑިއަން)

http://www.youtube.com/watch?v=xXTuLJ9MJvE