16 Feb 2020, 12:47
ވަގުތީގޮތުން، ވަޒީފާގައި ގެންގުޅޭވޭނެ މުއްދަތު ނުވަތަ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރުކުރެވޭނެ ގޮތަށް ކަނޑައަޅަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާ އެވެ.
އީސަ ހުށަހެޅުއްވި އިސްލާހުގައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅޭ ވަގުތީ މުއްދަތުކަމުގައި ހަ މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައެޅިދާނެ ކަމަށެވެ.
އަދި އެ މުއްދަތުގައި އެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ބާތިލުކުރެވިދާނެ ކަމަށެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު ބުނެފައި ވަނީ ވަގުތީ ގޮތުން ވަޒީފާގައި ގެންގުޅެވޭނީ ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ކަމަށެވެ.
މި އިސްލާހާއެކު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ޕްރޮބޭޝަންގެ މުއްދަތު ތިން މަހުން ހަ މަހަށް އިތުރުވާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަކީ މަސައްކަތްތެރީން މިހާރައްވުރެ ވެސް އިތުރަށް ނިކަމެތިވާނެ ކަމެއް ކަމަށެވެ.
ބައެއް ތަންތަނުގައި ކެޝުއަލް ސްޓާފުންގެ ގޮތުގައި މިހާރުވެސް ތިން މަހަށް ވުރެ ގިނަ ދުވަސް ވަންދެން ދާއިމީނުކޮށް މީހުން ލައްވާ މަސައްކަތް ކުރުވާ ކަމަށް ވިދާޅުވެ އަލީ ހުސައިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ހަ މަހުގެ ޕްރޮބޭޝަން މުއްދަތަކީ ވަޒީފާ އަދާކުރާ ފަރާތުގެ ހައްގު ގެއްލި ވަޒީފާ ދޭ ފަރާތަށް ލިބިދެވޭ އިތުރު މަންފާއެއް ކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.