ނިއުދިއްލީން: މުޙައްމަދު ޝާން

ކުޅުނު ދެ މެޗުންް ރަނގަޅު ނަތީޖާއެއް ހޯދިފާ ނެތް ކަމުގައި ވިޔަސް، ޓީމް އޮތީ މިއަދު ބަންގާޅާ ދެކޮޅަށް ކުޅެ މެޗް ކާމިޔާބުކޮށް ސެމީ ފައިނަލްގައި ކުޅުމަށް ތައްޔާރަށް ކަަމަށް ދިވެހި ޤައުމީ ޓީމްގެ މެނޭޖަރު އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.

މެނޭޖަރު ބަލަކް ވިދާޅުވީ، ޤައުމީ ޓީމް މިއަދު ބަންގާޅާ ދެކޮޅަށް ނުކުންނައިރު، މިއަދުގެ މެޗަކީ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކޫޅޭ އެންމެ ވަރުގަދަ އެއް މެޗް ކަމަށާއި އެގޮތުން މިއަދުގެ މެޗުން މޮޅުވެ، ޓީމް އޮތީ ސެމީ ފައިނަލް ކުޅުމަށް ތައްޔާރުވެގެން ކަމަށެވެ.

މުބާރާތުގައި ޓީމް ކުޅުނު ދެ މެޗުގައި ދިއްލީގައި މިވަގުތު ތިބި ދިވެހި ސަޕޯޓަރުން، ޓީމަށް ދިން ސަޕޯޓަކީ ޓީމްގެ ހިތް ވަރު އާވެގެން ދިޔަކަމަކަށްވީއިރު، މިއަދުގެ މެޗްގައި ޓީމަށް ސަޕޯޓް ކުރުމަށް ދިވެހި ސަޕޯޓަރުން ތިބޭނީ ދިވެހި ޓީމުގެ ބެންޗުގެ ފަހަތުގައި ކަމަށް ބަލަކް ވިދާޅުވިއެވެ.

"ޓީމަށް ސަޕޯޓަރުންގެ ދައުރު ވަރަށް ބޮޑު. މިއަދުގެ މެޗުން މޮޅުވުމަށް ޓީމް އޮތީ ވަރަށް ޖޯޝާއެކު. ދިއްލީގައި ހުންނަ ރާއްޖޭގެ އެންބަސީއަށް އަޅުގަނޑު ވާނީ އަންގާފަ، މިއަދު ޓީމަށް ސަޕޯޓް ކުރުމަށް ޙާއްސަ ކަންތައްތަކެއް ކުރުމަށް" ބަލަކް ވިދާޅުވިއެވެ.

ބަލަކް ވިދާޅުވީ، ބަންގާޅިއާ ދެކޮޅަށް ނިކުންނައިރު، ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ އެކެއްޗެއް ކިޔާ މެޗް ކާމިޔާބު ކުރުމުގެ ހެޔޮނިޔަތުގައި ކަމަށެވެ. އަދި ޓީމްތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ނޫޅޭ ކަމަށް ވެސް ބަލަކް ވިދާޅުވިއެވެ.

ގްރޫޕް ބީ ފަޅިން ރާއްޖެ މިއަދު ބަންގާޅިއާދެކޮޅަށް ކުޅޭ ފަހު މެޗް ފަށާނީ ރާއްޖެ ގަޑިން މިއަދު ހަވީރު 5:30 ގައެވެ.