16 Feb 2020, 09:25
މިއުނިކް (16 ޖަނަވަރީ 2020) : އެމެރިކާއަށް ކުރިމަތިވެފައިވާ ހަގީގީ ގޮންޖެހުމަކީ މިހާރު ރަޝިޔާ ނޫންކަމަށާ ޗައިނާކަމަށް އެމެރިކާ އިއްލާންކޮށްފި އެވެ.
ޖަރުމަނުގެ މިޔުނިކްގައި ކުރިޔަށްދާ މިޔުނިކް ސެކިއުރިޓީ ފޯރަމްގައި މިކަން އިއްލާން ކުރައްވަމުން އެމެރިކާގެ ދިފާއީ ވަޒީރު މާކް އެސްޕާ ވިދާޅުވީ ޗައިނާއަކީ އިގްތިސާދީ ގޮތުންނާ ޓެކްނޮލޮޖީގެ ގޮތުންނާ އަދި ހަތިޔާރުގެ ސިނާއަތާއި އާޓިފިޝަލް އިންޓެލިޖެންސްއާއި އެނޫންވެސް އެމެރިކާ ކުރިއަރާފައިވާ ހުރިހާ ދާއިރާތަކެއްގައި އެމެރިކާއަށް ގޮންޖެހުމުގެ ގާބިލްކަން ލިބިފައިވާ ހަމައެކަނި ގައުމުކަމުގައެވެ. އެހެންކަމުން ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑުބާރުގެ ގޮތުގައި ބައިނަލްއަގްވާމީ މަސްރަހުގައި ދެމިއޮތުމުގައި އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް އެސްޕާ ވިދާޅުވިއެވެ.
މީގެކުރިން އެމެރިކާއަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި އެގައުމުން ދެކެނީ ރަޝިއާ މެދުގައެވެ. ރަޝިއާއަކީ މިހާރުވެސް އަސްކަރީ ސިނާއަތާއި ނިއުކްލިޔާ ހަތިޔާރުގެ ދާއިރާއާއި ފަޒާގެ ޓެކްނޮލޮޖިއާއި ސައެންސްގެ ދާއިރާގައި އެމެރިކާއާ އެއްލެވެލްއެއްގައި ހިފަހައްޓާ ހަމައެކަނި ގައުމެވެ. ނަމަވެސް އިގްތިސާދީގޮތުންނާއި އެހެން ސިނާއަތްތަކުގައި ރަޝިއާ އުޅެނީ އެމެރިކާއަށްވުރެ މާފަހަތުގައެވެ. މިއާ ޚިލާފަށް ޗައިނާގެ އިގްތިސާދީ ކުރިއެރުމުގެ ސްޕީޑް ވަނީ އެމެރިކާއަށް ބޮޑު ގޮންޖެހުމަކަށް ވެފައެވެ.
ޗައިނާ މަދުއަހަރުތަކެއްގެ ތެރޭގައި އިގްތިސާދީ ގޮތުން އެމެރިކާއަށްވުރެ ކުރިއަރައިގެންދާނެކަމަށް ތަޖްރިބާކާރުން ލަފާކުރާއިރު މިފަދަ ހާލަތެއްގައި އެމެރިކާގެ އަސްކަރީ ބާރާއި އެހެން ސިނާއަތުތައް ދަށަށްދާން ފަށާނެކަމުގެ ބިރު އެމެރިކާ އިޙްސާސްކުރެއެވެ. ޚާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ ސިނާއީ ސިކުނޑިތައް ތަރައްގީކުރުމުގެ ރިސާޗް އާއި އޭގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް ޗައިނާ ކުރާ ހޭދައަކީ އެމެރިކާ އަށް ކުރިމަތިވާ އެންމެ ނުރައްކާތެރި ގޮންޖެހުންކަމަށް އެމެރިކާގެ ދިފާއީ ވަޒީރު ސިފަކުރެއްވިއެވެ.
އަނެއްކޮޅުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮންޕެއޯ ވަނީ ޗައިނާގެ ވެރިކަމުގެ ނިޒާމަކީވެސް ހުޅަނގުން ގެންގުޅޭ ޑިމޮކްރަސީގެ އައިޑޮއޮލޮޖީ އަށް އޮތް ބޮޑު ބިރެއްކަމަށް ސިފަކުރައްވައި މިއުނިކް ފޯރަމްގައި ވާހަކަ ދައްކަވާފައެވެ. ޗައިނާގެ ޖާސޫސީ ހަރަކާތްތައް މުޅި ދުނިޔޭގައި އޮތްކަމަށް ވިދާޅުވެ ޕްމްޕެއޯ ވަނީ އެއިން ސަލާމަތްވުމަށް މަސައްކަތްކުރުމަކީވެސް އެމެރިކާއަތްއޮތް ޚަރަދުބޮޑު ގޮންޖެހުމެއްކަމަށް ވިދާޅުވެފައެވެ. މިއާއެކު ޗައިނާއަކީ ބޮޑު ބާރަކަށްވާތީ ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތިލުމަކީވެސް އެމެރިކާ ކުރަން ބޭނުންވާކަމެއް ނޫން ކަމަށް ޕޮމްޕެއޯ ވިދާޅުވިއެވެ. ނަމަވެސް އެމެރިކާގެ މައްޗަށް ގަދަވުމަށް ޗައިނާ ކުރަމުން ގެންދާ މަސައްކަތްތަކާމެދު އެމެރިކާ އިންތިހާއަށް ކަންބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ މިވާހަކަތަކަށް ރައްދު ދެއްވަމުން ޗައިނާގެ ޚާރިޖީ ވަޒީރު ވާންގްޔީ ވަނީ އެމެރިކާގެ ވާހަކަތަކަކީ ހަގީގަތެއްނޫންކަމަށް ވިދާޅުވެ އެމެރިކާގެ މަގްސަދަކީ އެހެންކަމެއްކަމަށް ލަފާކުރެއްވޭ ކަމަށް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)