16 Feb 2020, 08:39
ބުރުޒުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އެ މަގުން އައި އެހެން ސައިކަލަކުން ޖައްސައި އެކްސިޑެންޓުކޮށްލުމުގެ ސަބަބުން، އެކްސިޑެންޓުކޮށްލި ސައިކަލުގައި އިން މީހާ މަރުވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ބުރުޒުމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ ސައިކަލެއްގައި އެމަގުން އިރުން ހުޅަނގަށް ދުއްވާފައި ދިޔަ އެހެން ސައިކަލަކުން ޖެއްސުމުގެ ސަބަބުންނެވެ.
ފުލުހުން ބުނީ މަރުވެފައި ވަނީ އެކްސިޑެންޓު ކޮށްލި ސައިކަލުގައި އިން 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ރޭ 1:45 ހާއިރު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެކްސިޑެންޓުވި އަނެއް ސައިކަލުގައި ތިބީ 31 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި އަންހެނެކެވެ. މި ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިގެން އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލު ދުއްވަން ތިބި ދެމީހުން އަތުގައި ވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށެވެ.
އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް އެކިވަރުގެ ގެއްލުން ވެފައިވާއިރު، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އަޑު ފެތުރިފައިވާ ގޮތުގައި ސައިކަލުން ޖައްސައި އެކްސިޑެންޓު ކޮށްލާފައި ވަނީ ލޯބީގެ މައްސަލައެއްގަ އެވެ. އެކްސިޑެންޓުގައި މަރުވެފައި ވަނީ، އަނެއް ސައިކަލު ފަހަތުގައި އިން އަންހެން ކުއްޖާގެ ކުރީގެ ލޯބިވެރިޔާ ކަމަށް މައުލޫމާތު ލިބެ އެވެ.