މ. މުލީގެ ކައިރީ ފަޅުރަށެއް ކަމަށްވާ މާޅުވެއްޔަށް ދަތުރު ދިޔަ ކުދިންތަކުގެ ތެރެއިން ފަސް ކުއްޖަކު ގެނބުމާއި ގުޅިގެން މުލީ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދެމުން އެބަދެ އެވެ.

މުލީ ކައުންސިލްގެ ރައީސް މޫސާ ނަސީރު މިއަދު ވިދާޅުވީ އާއިލާއާއެކު މިއަދު ހެދުނު ދަތުރުދިޔަ ފަސް ފިރިހެން ކުއްޖަކު ގެނބުނީ މާޅުވެލީ ފަޅުތެރޭގެ އޮއިގަނޑެއްގައި ޖެހި ރަށާދުރަށް އޮޔާ ގެންދިއުމުގެ ތެރޭގައި ކަމަށެވެ.

އެ ފަސް ކުދިން ސަލާމަތް ކުރުމަށް ފަހު މިހާރު ފަރުވާ ދެމުން އަންނަ ކަމަށާއި ފަތަން ވެސް ދަންނަ އެ ކުދިން ގެނބެމުން ދަނިކޮށް ސަލާމާތް ކުރީ ދަތުރު ދިޔަ މީހުންނާއި ފުލުހުންނާއި ހޮސްޕިޓަލު ލޯންޗުގެ ފަޅުވެރިން ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

ގެނބުނީ ކޮން އުމުރެއްގެ ކުދިންތަކެއް ކަމެއް ކައުންސިލަކަށް ވެސް ސާފެއް ނުވެއެވެ.

"އާއިލާއާއެކު [އެކުދިން] ދަތުރު ދިޔައީ ވަރަށް ގިނަ މިހުން ވެސް ދަތުރު ދިޔަ. އެ ރަށުގެ އިރުމަތީ ފަރާތް ވަރަށް ފުންވާނެ އެތަނަށް ނުދާން ބުނެފައިވަނިކޮށް އެ ކުދިންނަށް އެތަނަށް ދެވުނީ އެ ސަރަހައްދަކީ ވަރަށް ފުން އޮއި ބާރު ސަރަހައްދެއް،" ނަސީރު ވިދާޅުވި އެވެ.


މުލީ ރީޖަނަލް ހޮސްޕިޓަލުން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ގެނބުނު ފަސް ކުއްޖަކަށް އެ ހޮސްޕިޓަލުން ފަރުވާ ދެމުން އަންނަ ކަމަށާއި، ހޮސްޕިޓަލަށް ގެންދިޔައޮރު ހާލު ސީރިއަސް ކުއްޖެއްގެ ހާލުވެސް މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.