އާޝޫރާ ދުވަސް ފާހަގަ ކުރުމަށް އަފްޣާނިސްތާންގެ ވެރިރަށް ކާބުލްގައި ހުންނަ ޝިޔައީންގެ މުގައްދަސް ތަނަކަށް އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއެއްގައި 20 މީހުން މަރުވެ އެތައް ބަޔަކު ޒަހަމްވެއްޖެ އެވެ.

މުހައްމަދު ޒާހިރު ނަމަކަށް ކިޔާ އަފުޣާނިސްތާން ފުލުހުންގެ އިސް އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާ ބުނީ ކާބުލްގެ މެދުތެރޭގައި މިއަދު ދިން އެ ހަމަލާގައި 20 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ ހާދިސާއާ ބެހޭ އިތުރު ތަފުސީލު އަދި ނުލިބޭ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

އާޝޫރާ ދުވަހަކީ ހުސައިންގެފާނު ކަރުބަލާގައި ޝަހީދު ކުރި ހާދިސާގެ ހިތާމަ ފާޅުކުރުމަށް ކަމަށް ބުނެ ޝިޔައީން އަމިއްލައަށް ގައިގައި ވަޅިއަޅައި ޒަހަމްވުމުގެ އިހުތިފާލުތައް ބާއްވާ ދުވަހެވެ. އެކަންތައް އިރާގާއި ސޫރިޔާ އަދި ޕާކިސްތާނުގައި ވެސް އޮވެއެވެ.