16 Feb 2020, 09:45
އައްޑޫ ސިޓީ އަދި ކޮމަންޑޫއަށް އިތުރު ޖަނެރޭޓަރެއް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އައްޑޫ ސިޓީގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން އެ ސިޓީއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދެ މެގަވޯޓުގެ އާ ދެ ޖެންސެޓް ލޭންޑިން ކްރާފްޓަށް މިހާރު ލޯޑްކޮށްފައިވާ ކަމަށެވެ.
ހަމައެފަދައިން ށ. ކޮމަންޑޫގެ ކަރަންޓުގެ ހާލަތު އިތުރަސް ރަނގަޅުކުރުމުގެ ގޮތުން 400 ކިލޯވޯޓުގެ އާ ޖެންސެޓްއެއް އެރަށަށް ގެންދިއުމަށް މިހާރު ބޯޓަށް އަރުވާފައިވާ ކަަމަށްވެސް ފެނަކައިން ބުންޏެވެ.
ރަށްރަށުގައި ކަރަންޓުގެ ހާލަތު ރަނގަޅުކުރުމުގެ ގޮތުން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
އެގޮތުން މިއަހަރު އެ ކުންފުނިން އެކި ރަށްރަށުގައި އަޅާ އިންޖީނުގެ ތަކުގެ ތެރެއިން 30 އިންޖީނުގެ ނިމޭނެކަމަށްވެސް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ އެ ކުންފުނިން އަލަށް ޢިމާރާތް ކުރާ ކޮންމެ އިންޖީނުގެއެއްގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތްތަކާއި ފިއުލް ސްޓޯރޭޖް އަދި ޗިމްނީ އިމާރާތްކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން އާއިންޖީނުގެތައް ހުޅުވޭއިރު ނެޓްވޯކް އަޕްގްރޭޑްކުރެވި މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން 70 ޑެސިބެލް އަށްވުރެ މަތިނުވާނެހެން، ސައުންޑް އެޓެނުއޭޓަރ ފަދަ ޒަމާނީ ވަސީލަތްތަކުގެ އެހީގައި އިންޖީނުގެއިން އުފައްދާ އަޑު މަޑުވެގެންދާނެ ކަމަށެވެ.