ކޮރާނާވައިރަސް ޖެހިގެން ފްރާންސުގައި މަރުވީ ޗައިނާގެ ފަތުރުވެރިއެއް ކަމަށް ފްރާންސްއިން ބުނެފި އެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރު އަގްނޭސް ބުޒިން ވިދާޅުވީ މަރުވެފައި ވަނީ ޗައިނާގެ 80 އަހަރުގެ ފަތުރުވެރިއެއް ކަމަށެވެ.

މިއީ ފްރާންސްގައި ކޮރޯނާ ޖެހިގެން މަރުވި ފުރަތަމަ ފަތުުރުވެރިޔާ އެވެ. މިހާތަނަށް ފްރާންސްގެ 11 މީހަަކަށް ކޮރޯނާ ޖެހިފައިވެ އެވެ.

ޗައިނާއިން ބޭރުގައި މިހާތަނަށް ކޮރޯނާ ޖެހިގެން މަރުވެފައި ވަނީ ފިލިޕިންސާއި، ހޮންގްކޮންގާއި އަދި ޖަޕާނުގެ ރައްޔިތެކެވެ.

ޗައިނާގެ ވޫހާންއިން ފެތުރުނު ކޮރޯނާ މިހާރު ވެސް ހަލުވިކަމާ އެކު ދަނީ ފެތުރެމުންނެވެ. އެ ބަލި ޖެހިގެން މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮރޯނާއަށް ސީދާ ފަރުވާއެއް މިހާތަނަށް ނުހޯދެ އެވެ. ޗައިނާއިން ބުނީ އެ ބައްޔަށް ފަރުވާއެއް ހޯދުމަށް މިހާރު ވެެސް 82 ތަހުލީލެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ގަދީމީ ޗައިނީސް މެޑިސިންއާއި އެޗްއައިވީއަސް ބޭނުންކުރާ ބޭސްތައް ވެސް ދަނީ ތަހުލީލް ކުރަމުންނެވެ.

ޗައިނާެ ފޮރިން މިނިސްޓްރީން ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވަރަށް އަވަހަށް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.