06 Dec 2011, 13:53
ސާކް ސަމިޓާއި ގުޅިގެން އައްޑޫ ސިޓީގައި އެކި ކުންފުނިތަކުން ކުރި މަސައްކަތުގެ އުޖޫރަ ނުލިބިގެން މީދޫގައި ހުންނަ ސިޓީ ކައުންސިލްގެ މުޒާހަރާ ކޮށްފި އެވެ. މުޒާހަރާ ކޮށްފައި ވަނީ އެރަށުގައި ހުންނަ އެންވަޔަރަމެންޓަލް ސެކްޝަން ކުރިމަތީގަ އެވެ.
ސާކް ސަމިޓަށް އައްޑޫ ސިޓީގައި މަސައްކަތްކުރި ޝަޒުމް އިންވެސްޓްމަންޓްގެ މެނޭޖިން ޑައިރެކްޓާ އަހުމަދު ޝާތިރު މިއަދު ވިދާޅުވީ މިއަދު މުޒާހަރާ ކުރީ އެ ކުންފުނިން ސާކް ސަމިޓަށް ކޮށްފައިވާ އެކި މަސައްކަތްތަކަށް ފައިސާ ދޭނެ ކަމަށް މޭޔަރު ވިދާޅުވި ތާރީޚް ފަހަނައަޅައި ދިޔައިރު ވެސް އެ ފައިސާ ޖަމާކޮށްދީފައި ނުވާތީ ކަމަށެވެ.
ޝަޒުމް އިންވެސްޓްމަންޓްގެ އިތުރުން ސާކް ސަމިޓުގެ އެކިއެކި މަސައްކަތް ކޮށްފައިވާ ސަދަން ޓްރޭޑާސް އާއި ތްރީ އެމް ކާޕެންޓްރީ އާއި މަލްޓިކޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވެސް މިއަދު މުޒާހަރާ ކުރިކަމަށެވެ.
"ސާކް ސަމިޓުގެ އެކިއެކި މަސައްކަތް އަޅުގަނޑުމެން [ޝަޒުމް އިންވެސްޓްމަންޓް] ގެ އިތުރުން ސަދަން ޓްރޭޑާސް އާއި ތްރީ އެމް ކާޕެންޓްރީ އަދި މަލްޓިކޯ ޕްރައިވެޓް ލިމިޓެޑް އިން ވެސް ވަނީ ކޮށްފައި. އެއިން އެއްވެސް މަސައްކަތަކަށް ފައިސާ ލިބިފައި ނުވޭ. އެހެންވެ އަޅުގަނޑުމެން އެންމެން މުޒާހަރާ ކުރީ. މޭޔަރު ފޯނު ނުނަންގަވާތީ އެންވާރަމެންޓް ސެކްޝަނަށް ގޮސް އެ ސެކްޝަންގެ މުވައްޒަފެއްލައްވައި މޭޔަރަށް ގުޅުމުން ވިދާޅުވި އިއްޔެ ފައިސާ ޖަމާކޮށްދޭނެ ކަމަށް. އެކަމަކު އަދިވެސް ޖަމާކޮށްދީފައި ނުވޭ،" ޝާތިރު ވިދާޅުވި އެވެ.
ޝާތިރު ވިދާޅުވީ އެ ކުންފުންޏަށް ލިބެންޖެހޭ 1.5 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ ވާއިރު ސަދަން ޓްރޭޑާސް އަށް ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ އަދި މަލްޓިކޯ ޕްރައިވެޓް ލިމިޓެޑަށް ލައްކައަށްވުރެ ގިނަ ރުފިޔާ ނުލިބި ވާކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.