އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ހަވާލުކުރަން ނިންމާފައިވާ، ޓްރާންސް މޯޑިވިއަން އެއާވޭޒް (ޓީއެމްއޭ)އަށް ޕީއާރު އެޑްވައިސް ދޭ ކުންފުނި، "އެޓޯލް ކޮމިޔުނިކޭޝަންސް"ގައި ރައީސް އޮފީހުުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ މަސްލަހަތު އޮންނަކަން ހާމަވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ ކޮމިޔުނިޓީ ސްޓްރެޓެޖިސްޓެއްގެ ގޮތުގައި، މަސައްކަތް ކުރި ޕޯލް ރޮބާޓްސް އިސްވެ ހުންނަ، "އެޓޯލް ކޮމިޔުނިކޭޝަންސް"ގައި ޝައުނާގެ ހިއްސާއެއް އޮންނަ ކަމަށް ބުނާ އަޑުތައް ވަނީ ގަދަވެފަ އެވެ. އަދި ޓީއެމްއޭއަށް ކޮމިޔުނިކޭޝަންސް އަދި ޕީއާރު މަޝްވަރާ ދެނީ އެ ކުންފުނިކަން ވެސް ހާމަވެފައިވެ އެވެ.

އެ ތުހުމަތުތައް ފެންމަތިވުމާ އެކު ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޓޯލްސް ކޮމިޔުނިކޭޝަންސްގައި އޭނާގެ ހިއްސާއެއް ނެތް ކަމަށާއި އޭނާގެ ރޯލެއް ވެސް އެ ކުންފުނީގައި ނޯންނާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީއިން ދީފައިވާ "އެޓޯލް ކޮމިޔުނިކޭޝަންސް"ގެ ހިއްސާގެ ސެޓްފިކެޓާ އެކު ރޮބާޓްސް، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ކުންފުނި ފުރަތަމަ އުފެއްދީ ޝައުނާ ވެސް ހިއްސާ ވެގެން "ޝައުނާ އެންޑް ރޮބާޓްސް"ގެ ނަމުގައި ކަމަށެވެ. ނަމަވެސް، ފަހުން އެ ޕާޓްނަޝިޕްގެ ނަން ބަދަލުކޮށް، ޝައުނާ އެތަނުގެ ހިއްސާ ވެސް ދޫކޮށްލެއްވީ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޕޯލް އާންމުކުރެއްވި ލިޔުމުން އެނގޭ ގޮތުގައި، އެޓޯލް ކޮމިޔުނިކޭޝަންސްގައި އޮތް ޝައުނާގެ ހިއްސާ ބަދަލުކޮށްފައި ވަނީ، ޝައުނާގެ ފިރިކަލުން، މުހައްމަދު ތޯރިގު ހަމީދުގެ ނަމަށެވެ. އެއީ 50 ޕަސެންޓް ހިއްސާ އެވެ. އަދި އެޓޯލް ކޮމިޔުނިކޭޝަންސްގެ އިސް ވެރިންގެ ގޮތުގައި އެ ވެބްސައިޓްގައި ވެސް ޝައުނާގެ ފިރިމީހާ ތޯރިގުގެ ފޮޓޯ އާއި ޕްރޮފައިލް ހިމަނާފައިވެ އެވެ.

އެހެން ނަމަވެސް، އިކޮނޮމިކް މިނިސްޓްރީގެ އޮންލައިން ރެކޯޑްތަކުން ދައްކާ ގޮތުގައި އެ ކުންފުނީގެ މެނޭޖިން ޕާޓްނަރެއްގެ ގޮތުގައި އަދިވެސް އިންނަވަނީ ޝައުނާ އެވެ. އެހެން ނަމަވެސް ޝައުނާ ވިދާޅުވަނީ، އެއީ އަޕްޑޭޓް ނުވާ ރެކޯޑެއް ކަމަށެވެ.

ރައީސް އޮފީހުން އާންމުކޮށްފައިވާ ޝައުނާގެ މާލީ ބަޔާނުގައި ވިޔަފާރީގެ މަސްލަހަތުގެ ގޮތުގައި އޭނާގެ 50 ޕަސެންޓް ހިއްސާ "ޝައުނާ އެންޑް ރޮބާޓްސް" ކިޔާ ކުންފުންޏެއްގައި އޮންނަ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް، "އެޓޯލް ކޮމިޔުނިކޭޝަންސް"ގެ ވާހަކައެއް އެ ބަޔާނުގައި ހިމަނާފައެއް ނުވެ އެވެ.