15 Feb 2020, 16:08
ކޯވިޑް 19 (ކޮރޯނާވައިރަސް ޑިޒީސް،2019) ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދާ މީހުން ދެ ހަފުތާގެ މުއްދަތަކަށް ކަރަންޓީނު ވާން އަންގައިފި އެވެ.
ބެއިޖިންގެ ވައިރަސް ޕްރިވެންޝަން ގުރޫޕުން އިއްޔެ ނެރުނު އިއުލާނަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ އެ ސިޓީއަށް އެނބުރި އަންނަ މީހުން ބޭރަށްނިކުމެ ނޫޅުމަށާއި އެމީހަކު އަމިއްލައަށް ކަރަންޓީނު ވުމަށް ނުވަތަ ކަނޑައަޅާފައިވާ ކަރަންޓީނު މަރުކަޒުތަކަށް ދާން ޖެހޭނެ ކަމަށެވެ.
މިގޮތަށް އަމަލު ނުކޮށްފިނަމަ އަދަބު ދޭނެ ކަމަށް ޗައިނާއިން އެންގި ނަމަވެސް، އަދަބު ދޭނީ ކިހިނެއް ކަން ބަޔާންކޮށްފައި ނުވެ އެވެ.
ޗައިނާއިން މި އިއުލާނު ނެރުނީ ބެއިޖިންގެ ގިނަ އަދަދެއްގެ އާންމުން ލޫނާ ނިއު އިޔާގައި ޗުއްޓީ ހޭދަކުރަން އެހެން ސަރަހައްދުތަކަށް ދިއުމަށްފަހު އެނބުރި އަންނަން ފެށުމާއެކުގަ އެވެ.
ޗައިނާގެ ވެރިކަންކުރާ ރަށް ބެއިޖިންއަކީ ވިހި މިލިއަން މީހުންނަށްވުރެ ބޮޑު އާބާދީއެއް އޮންނަ ސިޓީއެކެވެ.
ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،300އަށް ވުރެ އިތުރުވެފަ އެވެ. އަދި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 60،000 އަށް އަރާފަ އެވެ.