މާލޭގައި ތަކެތީގެ އަގުތަށް ބޮޑުވި މިންވަރު އޮކްޓޯބަރު މަހު 1.99 ޕަސެންޓަށް ޖެހި މާލޭގެ އިންފްލޭޝަން ރޭޓް އަހަރުތެރޭގައި ހުރި މިންވަރު 9.40 ޕަސެންޓަށް އުފުލިއްޖެ އެވެ.

ނޭޝަނަލް ޕްލޭނިން (ޑީއެންޕީ) އިން އާންމުކޮށްފައިވާ، އިންފްލޭޝަންގެ މިންގަނޑު ވަޒަންކުރާ، ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައ) އިން ދައްކާގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހާއި އަޅާކިޔާއިރު އޮކްޓޯބަރު މަހު އިންފްލޭޝަން ރޭޓް ވަނީ 1.99 ޕަސެންޓަށް އުފުލިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ކިޔާއިރު 13.32 ޕަސެންޓްގެ އިތުރުވުމެކެވެ.

މިއަހަރު ފެށުމުގެ ގޮތުން ޑީއެންޕީން އާންމުކުރި ފެބްރުއަރީ މަހުގެ ސީޕީއައިން ދައްކާގޮތުން އޭރު އިންފްލޭޝަން ހުރީ 6.63 ޕަސެންޓުގަ އެވެ.

މި އަހަރު ނިމުމަށް ދުވަސްކޮޅެއް ބާކީ އޮތް އިރު އަހަރު ފެށުނު އިރު އިންފުލޭޝަން ހުރި މިންގަޑަށް ވުރެ މިއީ ދެ ޕަސެންޓެއްހާ އިތުރު އަދަދެކެވެ.

މާލޭގެ އިންފްލޭޝަން ރޭޓް އުފުލެމުން ދަނީ އާންމު ކާބޯތަކެއްޗާއި އަދި މަހުގެ އަގުތައް ބޮޑުވަމުން އަންނާތީ އެވެ. އެގޮތުން އާންމު ކާބޯތަކެތީގެ ބައިން 37 ޕަސެންޓަށް ވަނީ އިންފްލޭޝަން އުފުލިފަ އެވެ. އެބައިން އެންމެ ބޮޑަށް އަގުތަށް އުފުލުނު ކާއްޓާއި ކައްކާ ތެލުން 27 ޕަސެންޓާ 30 ޕަސެންޓަށް އަގު އުފުލުނެވެ. އަދި މާޖަރީނާއި ސައިފަތުން 25 ޕަސެންޓް އަގުބޮޑުވި އެވެ. އާންމުކޮށް އަގުތަށް އުފުލުނު ބާވަތްތައް ކަމައްވާ މައިލޯ، ކިރު، ފިނިކުރި ކުކުޅު، މިރުސް އަދި ސޯހުން ވެސް 15 ޕަސެންޓް ވަނީ ބޮޑުވެފަ އެވެ.

ދެން އަގު އެންމެ މައްޗަށް ދިޔަ މަހުގެ ބަޔަށް ބަލާއިރު އެބައިން 25 ޕަސެންޓް ވަނީ ބޮޑުވެފަ އެވެ. އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ހަތް ޕަސެންޓް ވެސް ވަނީ އުފުލިފަ އެވެ.

އެތަކެތީގެ އަގުތަށް އަހަރުތެރޭ ބޮޑުވެފައިވާއިރު ފެށޭ އަހަރު އެ ބާވަތްތަކުގެ ޑިއުޓީ މާފުވާތީ އަންނަ އަހަރު އެތަކެތީގެ އަގުތައް 9 ޕަސެންޓާއި 13 ޕަސެންޓަށް ކުޑަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރެ އެވެ.

މިއަހަރު ތަކެތީގެ އަގުތައް ކުއްލިއަކަށް މައްޗަށް ދިޔައީ ޑޮލަރުގެ ހަމަ އަގު ހޯދުމަށް ކަމަށް ބުނެ ސަރުކާރުން ޑޮލަރު ގަނެ ވިއްކާ ރަސްމީ ރޭޓަށް ބޮޑު ބަދަލެއް ގެނައުމުންނެވެ. އަދި އޮކްޓޯބަރު މަހު ތައާރަފްކުރި މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް، ޖީއެސްޓީ ނަގަން ފެށުމުން ވެސް މުދަލުގެ އަގު ވަނީ ބޮޑުވެފަ އެވެ.