06 Dec 2011, 12:30
ތ. ތިމަރަފުށީ ކައުންސިލް އިދާރާ ބަންދުކޮށް، ރަށުގެ ބަނދަރު ސަރަހައްދުގެ ހަޓަށް މަސައްކަތް ބަދަލުކޮށްފައި ވަނިކޮށް އެ މަސައްކަތްތައް ކައުންސިލް އިދާރާގައި ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގުމުން އަނެއްކާ އިދާރާއަށް ބަދަލު ކޮށްފި އެވެ.
ތިމަރަފުށީ ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ހަލީލް މިއަދު ވިދާޅުވީ އެލްޖީއޭގެ އެންގުމަށް ތަބާވުމުގެ ގޮތުން އިއްޔެއިން ފެށިގެން މަސައްކަތް، އިދާރާއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ރުޖޫއަ ކުރި އިރު ޒިންމާދާރުވެރިޔާއާ ގުޅޭގޮތުން ކައުންސިލުން ހުށަހަޅާފައިވާ މައްސަލަތައް ސިވިލް ސާވިސް ކޮމިޝަނާ މަޝްވަރާކޮށްގެން ބަލާނެ ކަމަށް އެލްޖީއޭ އިން ބުނެފައިވާ ކަމަށެވެ.
ކައުންސިލުގެ އިދާރާ ދޫކޮށްލުމަށް ފަހު ބަނދަރު މައްޗަށް މަސައްކަތް ބަދަލު ކުރީ މިދިއަ އާދީއްތަ ދުވަހު އެވެ.
"އެލްޖީއޭ އިން ފޮނުވި ސިޓީގައި އެދިފައި ވަނީ ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތް ކައުންސިލްގެ އިދާރާގެ ތެރޭގައި ކުރިއަށް ގެންދިއުމަށް، ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ފުރިހަމަކޮށްދީ ގާނޫނީ ވާޖިބު އަދާކުރުމަށް އެލްޖީއޭ އިން އެންގުމުން އެގޮތަށް އަމަލްކުރީ،" ހަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ އިދާރާގައި މަސައްކަތްކުރި ނަމަވެސް ޒިންމާދާރުވެރިޔާއާ އެއްވެސް ކަމެއް ހަވާލު ނުކުރުމަށް މީގެ ކުރިން ކައުންސިލްގެ ފަސް މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާތީ އެބޭފުޅާއާ މުއާމަލާތް ނުކުރައްވާނެ ކަމަށެވެ.
ޒިންމާދާރު ވެރިޔާ އަލީ ހުސެއިން ފުޅު މީގެކުރިން ވިދާޅުވީ އޭނާއާ ބެހޭގޮތުން ކައުންސިލުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު ކައުންސިލް ބަންދުކޮށް، ބަނދަރުމަތީގައި މަސައްކަތް ކުރަން ފެށީ، ޒިންމާދާރުވެރިޔާ ކައުންސިލް ހިންގުމަށް ހުރަސްއަޅަމުދާ ކަމަށް ބުނެ އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ: