06 Dec 2011, 12:16
ފަންސާސް އަހަރަށް މުއްދަތު އިތުރު ކުރާ ރިސޯޓްތަކުގެ ކުލި ސަރުކާރުން ނަގަމުން ގެންދަނީ ޓޫރިޒަމާބެހޭ ގާނޫނާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ބައެއް މެންބަރުން ވިދާޅުވީ، 50 އަހަރަށް މުއްދަތު އިތުރުކުރާ ރިސޯޓްތަކުގެ ކުލި ނަގަން ޖެހޭނީ އަހަރުތަކަކަށް ބަހާ ލައިގެން އަހަރަށް ޖެހޭވަރު އެ އަހަރަކު ދައްކާ ގޮތަށް ކަމަށް ގާނޫނުގައި ބުނާއިރު މުއްދަތު އިތުރުކުރާ ރިސޯޓްތަކުގެ ކުލި 50 އަހަރަށް ގަނޑުކޮށް ސަރުކާރުން ނަގަމުންގެންދާ ކަމަށެވެ.
ރިސޯޓްތަކުން ފީ ދައްކާނީ އިތުރު ކުރެވޭ މުއްދަތު 50 އަހަރު ގެ މައްޗަށް ބަހާލުމަށްފަހު އަހަރަކަށް ޖެހޭވަރު އެ އަހަރަކު ދައްކާ ހަލާސްކުރާ ގޮތަށް ކަމަށް ޓޫރިޒަމްގެ ގާނޫނުގައި ބުނާއިރު އެއާ ހިލާފަށް ރިސޯޓްތަކުން ފީ ނަގަމުން ގެންދަނީ ކީއްވެގެންތޯ، ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާއާ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ގާނޫނާ ހިލާފަށްކުރާ ކަމެއްނޫން ކަމަށެވެ.
ޒުލްފާ ވިދާޅުވީ ޓޫރިޒަމާބެހޭ ގާނޫނުގެ 49 ވަނަ މާއްދާއިން ގަވާއިދު ހެދުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށެވެ. އަދި ރިސޯޓްތަކުން ފީ ނަގަމުން ގެންދަނީ ގާނޫނުގެ ރޫހާ އެއްގޮތަށް ހަދާފައިވާ ގަވާއިދުގެ ދަށުން ކަމަށެވެ.
އެއްވެސް ގާނޫނަކާ ތައާރުޒުވާގޮތަށް ހަދާ ގަވާއިދަކީ ބާތިލް އެއްޗެއްކަމަށް ގާނޫނު އަސާސީގައި ބުނާއިރު އެކަން ކުރައްވަނީ ކީއްވެގެންތޯ، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒުލްފާ ވިދާޅުވީ، އެ ގާނޫނުގެ ރޫހު ދައްކައިދޭ ތިން ބަޔަކީ، ރިސޯޓްތައް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދެވިދާނެ ކަމަށާއި 50 އަހަރަށްވުރެ އިތުރު ނުވާނެ ފަދައިން މުއްދަތު އިތުރު ކުރެވިދާނެ ކަމަށެވެ އަދި އެއީ އިތުރު ކުރާ ކޮންމެ އަހަރަކަށް އެއްލައްކަ ޑޮލަރުގެ ފީއެއް ނަގަން ޖެހޭނެ ކަމަށް، ބުނާ އެ ގާނޫނުގެ ހ އާއި ށ އަދި ނ ކަމަށެވެ. އެހެންކަމުން ކުލި ނަގަމުން ގެންދަނީ އެރޫހަށް ބަލައިގެން ކަމަށް ވެސް ޒުލްފާ ވިދާޅުވި އެވެ.
ސަރުކާރުން ގާނޫނު މާނަކުރާނީ އެ ގާނޫނެއް ހެދުމުގެ މަގުސަދުގެ މައްޗަށް ބިނާ ކޮށް ކަމަށާއި އެ އަހަރުތަކަށް ބަހާލައިގެން ފީ ދެއްކުމަށް އެއްވެސް ފަރާތަކުން މަޝްވަރާކޮށްފައިނުވާ ކަމަށް ވެސް ޒުލްފާ ވިދާޅުވި އެވެ. ވިދާޅުވީ މިހާރު ކުލި ނަގާ ގަވާއިދަކީ ކުރިން ޓުރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. އަހްމަދު އަލީ ސަވާދު ހައްދަވާފައިވާ ގަވާއިދެއް ކަމަށާއި އެ ގަވާއިދަށް ބަންޑާރަނާއިބުގެ ލަފާ ހޯއްދަވާފައިވާ ކަމަށެވެ.
ނުވަދިހަ ނުވަ އަހަރަށް ރިސޯޓްތައް ކުއްޔަށް ދިނުމާބެހޭ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަން ވިސްނާތޯ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒުލްފާ ވިދާޅުވީ ރިސޯޓްތަކުގެ މުއްދަތު 99 އަހަރަށް އިތުރު ކުރުމާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އަދި ބަހުސް ކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް މިހާރު އެއަށްވުރެ މުހިއްމު ކަންތައްތަކެއް މަޖިލީހުގައި އެބަހުރި ކަމަށެވެ.
ރިސޯޓްތަކުގެ ކުލި ނަގަމުންގެންދާ ގޮތާބެހޭ ގޮތުން ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމު ވިދާޅުވީ ކުލީގެ މައްސަލަ އަށް ހައްލެއް ހޯދުމަށް އެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް އިތުރުކުރި މައްސަލަ ވެސް މިމަހު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށެވެ.