އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކުގެ މުވައްޒަފުން ލައްވައި މަގާމާ ނުގުޅޭ މަސައްކަތްތައް ކުރުވަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ މިއަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓް ބުނެފި އެވެ. ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު ފެންނަނީ މިނިސްޓްރީ ނިޒާމް ބޮއްސުންލާފައިވާތީ އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މި އަހަރުގެ ފެބްރުއަރީ އާއި މާޗް މަހު އެޑިއުކޭޝަނަށާއި ބައެއް ސްކޫލްތަކަށް ޒިޔާރަތްކޮށް އެކުލަވާލާފައިވާ ރިޕޯޓްގައި އެޑިއުކޭޝަން މިނިސްޓްރީން 11 ދާއިރާއަކުން އިސްލާހު ކުރަންޖެހޭ 27 ކަމެއް ފާހަގަކޮށްފައި އެވެ.

ރިޕޯޓްގައި ބުނެފައިވަނީ މިނިސްޓްރީ އާއި ސްކޫލްތަކުގައި މަގާމާއި ނުގުޅޭ މަސައްކަތް މުވައްޒަފުން ލައްވާ ކުރުވާފައިވާ ކަމަށާއި ސްކޫލްތަކުގެ އެސިސްޓެންޓް ޓީޗަރުން ލައްވައި ޗާޕްކުރުމުގެ މަސައްކަތް ކުރުވައި އެޑްމިނިސްޓްރޭޓިވް އޮފިސަރުން ސްކޫލްތަކުގެ މެއިންޓަނަންސްގެ މަސައްކަތް ކުރުވާ ކަމަށެވެ.

މުސާރަ އާއި އިނާޔަތްތަކުގެ ބައިން ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަންކަމުގެ ތެރޭގައި މުވައްޒަފުންގެ ރަޖިސްޓްރީ ފުރިހަމަވެފައި ނެތުމުންނާއި، އިދާރީ އޮނިގަނޑުގައި މުވައްޒަފުން ހަމަޖެހިފައިވާ ގޮތް ވެރިންނަށް ކަށަވަރު ނުވުމާއި، މުވައްޒަފުން ދާއިރާގެ އެކި އިދާރާތަކަށް ބަދަލުވުން އަވަސްވުމުގެ ސަބަބުން އޮނިގަނޑަށް ފައްތައިގެން މުސާރަ ޝީޓް ހެދުމުގައި ބޮޑެތި އޮޅުންތަކެއް ހުރިކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ތަޢުލީމީ ފަންޑުން މުސާރަދޭ ދެ މުވައްޒަފަކު މިނިސްޓްރީގައި މަސައްކަތް ކުރާއިރު ސްކޫލްތަކުގެ ބަޖެޓުން މުސާރަދޭ މުވައްޒަފުން މިނިސްޓްރީގައި މަސައްކަތް ކުރާކަމާއި، ބައެއް ސްކޫލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މިނިސްޓްރީގެ ބަޖެޓުން މުސާރަދޭކަމަށް ބުނެފައި ވެ އެވެ. ދެން ބުނަނީ އިތުރު ގަޑީގައި މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާ އުޞޫލްތަކަށް މުވައްޒަފުން ޢަމަލު ކުރާ މިންވަރު ވެރިން ބައްލަވަމުން ނުދާކަމަށެވެ.

"... މުވައްޒަފުންގެ މައުލޫމާތު ފުރިހަމަނުކޮށް ފައިލްތައް ހާމަކޮށް ބަހައްޓާފައިވާ އިރު އޭގައި އެންމެ ފަހުން ހުރީ މީގެ ދެ އަހަރު ނުވަތަ ތިން އަހަރު ކުރީގެ ރެކޯޑުތައް އަދި މިނިސްޓްރީގެ ދަށުން ހިނގާ ވަރަށް މަދު އިދާރާއަކުން ނޫނީ މުވައްޒަފުންގެ މަޤާމުތަކުގެ ރަޖިސްޓްރީ ފޮނުވާފައެއް ނުވެއެވެ. އަދި ބައެއް ސްކޫލަށް ހަމަޖައްސާފައިވާ މަގާމެއްގެ މުވައްޒަފަކު އަތޮޅުތެރޭގެ ސްކޫލަކަށް ފޮނުވާފައި ހުރުމުން އެ ސްކޫލަށް ދަތިވާކަން ފާހަގަ ކުރެވެއެވެ. މިނިސްޓްރީގެ މަސައްކަތް ޖޫން 2010 ގައި ވެލާނާގެއަށް ބަދަލުވުމަށްފަހު އޮޑިޓްކުރި މުއްދަތާއި ހަމައަށް ވެސް މުވައްޒަފުންގެ ފައިލްތައް ހުރީ ހަރުގަނޑެއްގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ބެހެއެޓިފަ އެވެ. އޮޑިޓް ކުރުމުގައި ބެލުނު މުވައްޒަފުންގެ ފައިލްގެ ތެރެއިން އެންމެ ފައިލެއްގައިވެސް މަޢުލޫމާތު ފުރިހަމައެއް ނުވެއެވެ. ފައިލްތަކުގައި އެންމެފަހުގެ ލިޔުމަކަށް ފެންނަން އޮތީ މީގެ ތިން އަހަރު ނުވަތަ ދެ އަހަރު ކުރީގެ ތާރީޚުގެ ލިޔުންތަކެވެ... ވަގުތީ މުވައްޒަފުންގެ ގޮތުގައި ޑޭޓާ އެންޓާކުރުމަށް ފަސް މުވައްޒަފުން ގެންގުޅޭއިރު ކިޔަވާ ނިމިގެން އައިސް ވަޒީފާ ހަމަނުޖެހޭ ދެ މުވައްޒަފަކު ވެސް ވަގުތީ މުވައްޒަފުންގެ ގޮތުގައި ގެންގުޅެ އެވެ،" ކޮންޕްލިޔަންސް ރިޕޯޓްގައި ވެއެވެ.

އަދި ބުނަނީ ޗުއްޓީ ކަންތައްތައްވެސް ރަނގަޅަށް ގެންގޮސްފައި ނުވާ ކަމަށާއި ހުރިހާ ސެކްޝަންތަކެއްގައި ޗުއްޓީ ތާވަލް ހެދިފައި ނެތުމުގެ ސަބަބުން ޗުއްޓީ ޗިޓް ތައްޔާރުކުރާ ސެކްޝަނަށް އެހެން ސެކްޝަންތަކުގެ ޗުއްޓީ ތާވަލެއް ނުލިބެ އެވެ. އަދި ޗުއްޓީ ޗިޓްތައް މުވައްޒަފުންގެ ޕާސަނަލް ފައިލްގައި ގަވާއިދުން ފައިލް ނުކުރާ ކަމަށާއި ސަލާން ބުނުމަށް އަންގަން ހަމަޖައްސާފައިވަނީ އެ މުވައްޒަފެއްގެ ސްޕަވައިޒަރަރަށް ކަމަށްވުމުން ފަހުން އެޑްމިނިސްޓްރޭޓިވް ސެކްޝަނުން ހާޒިރީ ބަދަލުކޮށްފައި ހުންނަ ކަމަށެވެ.

މުވައްޒަފުންގެ ސަލާމުގެ ޗުއްޓީ ފޯމްތައް ބެލި ބެލުމުގައި، ބައެއް މުވައްޒަފުން ޢާއިލީ ޒިންމާ އަދާކުރުމަށްޓަކައި ސަލާން ބުނާކަން ފާހަގަ ކުރެވެއެވެ. އަދި ހުރިހާ މުވައްޒަފުން ވެސް އެއްކަމެއްގައި ”ބަލިވެގެން” ސަލާން ބުނެފައިވާކަން ފާހަގަ ކުރެވެއެވެ.

އޮޑިޓް ރިޕޯޓް ނެރުމަށްފަހު އެ ރިޕޯޓްގައިވާ ކަންކަން ވީހާވެސް އަވަހަށް އިސްލާހުކުރުމަށް ވަނީ އަންގާފަ އެވެ.