ކުއްޔަށް ދޭ އެޕާޓްމެންޓްތަކުން މެއިންޓެނެންސް ކޮށްދޭނެ ކަމަށް ބުނެ ފީއެއް ނެގުމަށް ފަހު، މެއިންޓެނެންސް ނުކޮށްދޭ މައްސަލަ ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދިރިއުޅުމަށްޓަަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އިއްޔެ ވާހަކަ ދައްކަވަމުން ބޮންޑާ ވަނީ އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ބޮންޑޭ ވިދާޅުވީ އެ ބިލުގެ މަގުސަދު މިހާރު ބިލުއޮތް ގޮތުން ހާސިލު ނުވާނެ ކަމަށެވެ. އަދި އެއީ "ކޮންމެވެސް ތާކުން ކޮޕީޕޭސްޓް ހަދާފައި ހުރި އެއްޗެއް" ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވަނީ މިހާރު ގޯތި ގެދޮރު ކުއްޔަށް ދިނުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ކުށްޔަށް ދީގެން ހުޅުމާލޭގައި މި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި ވެސް، ކުށްޔަށް ދިނުމަށްފަހު އެތަނުގެ މެއިންޓެނަންސް ފީއަށް ޗާޖެއް ނަގާ ކަަމަށެވެ. އެކަމަކު ދުވަހަކުވެސް މެއިންޓެނެންސް ހިދުމަތް ނުދޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

"ދުވަހަކު މެއިންޓެއިންކުރާ ތަނެއް ނުފެނޭ. ވަރަށް ގިނަ ޝަކުވާ ރައްޔިތުން ދަނީ ކުރަމުން. ފާއިތުވި ވެރިކަމުގައި، ރައީސް
ޔާމީންގެ ވެރިކަމުގައި ކުށްޔަށް ދީފައި ހުރި ތަންތަނުގައި މިހާރުވެސް ޝަކުވާތައް އަޅުގަނޑުމެނަށް އެބަލިބޭ. ބައެއް ތަންތާނގެ ދޮރުތައް ފީވެ، ފުފޭ ވާހަކަ. ޓައިލްސްތައް ފުފިގެން އަރާ ވާހަކަ. މިއީ ހަމަ ކުށްޔަށް ދޫކޮށްފައި ހުރި ފްލެޓްތަކެއް އެއީ. އެއީ ހިލޭ ދީފައިހުރި ފްލެޓްތަކެއް ނޫން." ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އަދި އެޗްޑީސީއިން ކުއްޔަށް ދީފައި ހުންނަ ފްލެޓްތަކުގައިވެސް މެއިންޓެނެންސް ފީ ނަގާފައި ހިދުމަތް ނުދޭކަން އެންމެނަށްވެސް އެނގޭ ކަމަށެވެ.

"ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގައި ވެސް ވިޔަފާރި އުސޫލުން ކުށްޔަށް ދީފައި ހުންނަ އެޕާޓްމެންޓްތަކާއި، ފްލެޓްތަކާއި،
ރޯހައުސްތަކުގައި ވެސް މެއިންޓެނަންސް ފީއެއް ނަގާ ކަމަށް ވޭ. އެކަމަކު މެއިންޓެނަންސް ފީއަށް ސަރވިސްއެއް ނުދޭ. އެހެންވީމާ، މި ގާނޫނުގަ އި ބަޔާންކުރަން އެބަޖެހޭ ހަދަންވާނެ ގޮތެއް. ޖޫރިމަނާކުރާނީތޯ، ކިހިނެއްތޯ ހަދާނީ." ބޮންޑޭ ވިދާޅުވި އެވެ.

އޭގެ އިތުރުން ކުއްޔަށް ހިފާ މީހުންގެ ފަރާތުން ދިމާވާ މައްސަލަތަކުގެ ވާހަކަވެސް ބޮންޑޭ ފާހަގަކުރެއްވި އެވެ. ވިދާޅުވީ ބައެއް މީސްމީހުން ގޯތިގެދޮރު ނުނިކުތުމުގެ ޝަކުވާ އާއި ކުއްޔަށް ނުދައްކާ އެތައް ޒަމާނެއް ވަންދެން އުޅޭއިރުގައި ވެސް ސަރުކާރުން އެ އިމާރާތުން ނުނެރުމުގެ ޝަކުވާ ބޮޑު ކަމަށެވެ.

އެހުރިހާ ކަމަކަށް ބަލާއި ހަމަ ބަސްތަކެއް އަތުރާފައި ބިލެއްގެ ގޮތަށް ފޮނުވިޔަސް ތަންފީޒު ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

ދިރިއުޅުމައްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ބިލުގައި ދިރިއުޅުމަށްޓަކައި ކުއްޔަށް ދޫކުރާ ތަންތަން ރަޖިސްޓްރީކޮށް ދަފްތަރެއް އެކުލަވާލަން ޖެހޭ ގޮތަށް ހަދައި، ބޯޑަކުން އެކަން މޮނީޓަރުކުރަން ޖެހޭގޮތަށް ވަނީ ހިމަނާފަ އެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ދިރިއުޅުމަށަ ޓަކައި ކުއްޔަށް ދިނުމަށް ހުއްދަދޭ އެންމެހާ ތަންތަނުގެ ދަފްތަރެއް "ޓެނެންސީ ބޯޑު"ގެ ނަމުގައި އެ ބިލުގެ ދަށުން އެކުލަވާލާ ބޯޑަކުން ބަލަހައްޓަން ޖެހޭނެ އެވެ. އަދި އެ ދަފުތަރު ބަލަހައްޓަން ޖެހެނީ ސިޓީއެއްގައި ސިޓީ ކައުންސިލުންނެވެ. އަދި ރަށެއްގައި ނަމަ ރަށު ކައުންސިލުންނެވެ.