ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ)އިން މި މަހު ބާއްވަން ހަމަޖެހިފައިވާ އެކްޓިން ވޯކްޝޮޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސެންޓަރުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެކްޓިން ވޯކްޝޮޕް ކުރިއަށް ގެންދަނީ ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗުރަލް ސެންޓަރާ ގުޅިގެން ކަމަށެވެ.

ވޯކްޝޮޕް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވޯކްޝޮޕްގައި ކިޔަވައިދޭނީ ދިއްލީގެ ނޭޝަނަލް ސްކޫލް އޮފް ޑްރާމާގެ ޑައިރެކްޓަރު އަދި އެސޯސިއޭޓް ދެ ޕްރޮފެސަރުން ކަމަށް އިއުލާނުގައިވެއެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ވޯކްޝޮޕްގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެ ސެންޓަރަށް ވަނަވަރު ފޮނުވަން ޖެހެއެވެ.