06 Dec 2011, 09:51
ރިޔާޟް (ޑިސެމްބަރ 6) : ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާނެ ކަމުގެ އިޝާރާތެއް ސަޢޫދީ އަރަބިޔާއިން ދީފި އެވެ. މިކަމަށް އިޝާރާތް ކުރެއްވީ"ގަލްފު އެންޑް ވޯލްޑް"ގެ ނަމުގައި ރިޔާޟްގައި ކުރިޔަށްދާ ފޯރަމެއްގައި ވާހަކަ ދައްކަވަމުން ސަޢޫދީ ޝާހީ ޢާއިލާގެ ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ އެޤައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ތުރުކީއަލްފައިސަލް އެވެ.
ފައިސަލް ވިދާޅުވީ އިސްރާއީލުން ނިއުކްލިޔާ ހަތިޔާރު އުފައްދާފައިވާތާ ދިގު މުއްދަތެއްވެފައިވާ އިރު މިކަމާ ދުނިޔެ އިން އަޅާލާފައިނުވާ ކަމުގައެވެ. އަދި އީރާނުން ވެސް އަޑިނޭނގޭ ވަރަށްބޮޑު ނިއުކްލިޔާ ޕްރޮގްރާމެއް ހިންގަމުންގެންދާ އިރު އެޕްރޮގްރާމް ހުއްޓާލުމުގެ ބޭނުންތެރިކަން އީރާނަށް ވިސްނައިދެވިފައިނުވާ ކަމުގަ އެވެ. އިސްރާއީލުގެ އަތުގައި ނިއުކްލިޔާ ހަތިޔާރު ހުރިހާ ހިނދަކު ނިއުކްލިޔާ ޕްރޮގްރާމް ހުއްޓާލުމުގެ މުހިއްމުކަން އީރާނަށް ވިސްނައިދޭން އުނދަނގޫވާނެ ކަމަށާއި އިސްރާއީލާއި އީރާނުގެ ޙާލަތު އެގޮތަށް އޮތުމުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރުމާ މެދު ވިސްނުން ނޫންގޮތެއް ސައޫދީ އަރަބިޔާއަށް ނެތްކަމަށް ފައިސަލް ވިދާޅުވި އެވެ.
ސަޢޫދީ އަރަބިޔާއިންވަނީ 16 ނިއުކްލިޔާ ރިއެކްޓާ ބިނާކުރުމަށް 80 ބިލިޔަން ޑޮލަރުގެ ޕްލޭނެއް އެކުލަވާލާފައިވާކަން މިދިޔަ ޖޫން މަހު އިޢްލާންކޮށްފަ އެވެ. ފައިސަލް ވިދާޅުވީ އެހެން ޤައުމުތަކެކޭ އެއްގޮތަށް ސުލްޙަވެރި ބޭނުންތަކަށް ނިއުކްލިޔާ ހަކަތަ ތަރައްޤީކުރުމުގެ ޙަޢްޤު އީރާނަށާއި ސަޢޫދީ އަރަބިޔާއަށް ވެސް އޮންނާނެ ކަމަށާއި ނަމަވެސް މައްސަލައަކީ އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމްގެ އަޑިނޭނގުން ކަމުގަ އެވެ.
ފައިސަލް ތަންކޮޅެއްކުރިން ވަނީ ނިއުކްލިޔާ މައްސަލާގައި އީރާނަށް ޢަސްކަރީ ގޮތުން ގޯނާ ނުކުރުމަށް ހުޅަނގަށް އިންޒާރު ކުރައްވާފަ އެވެ. އީރާނަށް އިސްވެ ޙަމަލާދީފި ނަމަ މުޅި މެދުއިރުމަތި ހަނގުރާމައިގެ މަސްރަޙަކަށް ބަދަލުވެގެންދާނެ ކަމަށާ އެކަމުގެ ގެއްލުމުން ހުޅަނގާއި ގަލްފުގެ ޤައުމުތައް ވެސް ސަލާމަތް ނުވާނެ ކަމަށް ފައިސަލް ވިދާޅުވެފައިވެ އެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)