ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތައްޕަޅު"ގެ ދެވަނަ ޓްރެއިލާއެއް ދައްކާލައިފި އެވެ.

އެއް މިނެޓާ 16 ސިކުންތުގެ އެ ޓްރެއިލާގައި ތާޕްސީ ވަނީ އާންމުންނަށް ވަރަށް މުހިއްމު މެސެޖެއްދީފަ އެވެ. ތާޕްސީ ތަފާތު ރޯލަކުން ފެނިގެންދާ އެ ފިލްމުގެ ޓްރެއިލާއަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

އަނޫބަވް ސިންހާ ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމު ރިލީޒްކުރާނީ މި މަހު 28ގައެވެ. މި ފިލްމަކީ ތާޕްސީ ދެން އެންމެ އަވަހަށް ސިނަމާތަކުން ފެނިގެންދާނެ ފިިލްމެވެ. "ތައްޕަޅު"އަކީ ކައިވެންޏެއްގެ ތެރޭގައި އަންހެނަކަށް ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ޓްރެއިލާ ފެށިގެންދަނީ ފިލްމުގައި ތާޕްސީގެ ފިރިމީހާ އޭނާގެ މޫނު މަތީގައި ޖަހާ ޖެހުމަކުންނެވެ.

ތާޕްސީގެ އިތުރުން މި ފިލްމުން ފެނިގެންދާނީ ޕަވައިލް ގްލާޓީ، ރަތުނާ ޕަތަކް ޝާހު، ތަންވީ އަޒްމީ، ދިއާ މިރްޒާ، ރާމް ކަޕޫރް، ކުމުދު މިޝްރާ، މާނަވް ކޯލް އަދި ގްރޭސީ ސިންގްއެވެ.