13 Feb 2020, 01:24
އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ވަކި ބޮޑުމިނެއްގެ ސަރަހައްދެއް ދޭން ނިންމާފައިވާ ކަމަށް އެމްއޭސީއެލްއިން ސިޓީއަކުން އެންގި ކަމަށާއި އެއީ ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމެއް ކަމަށް ޓީއެމްއޭއިން ސިފަކޮށްފި އެވެ.
ޓީއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކުންފުންޏާ އެމްއޭސީއެލްއާ ދެމެދު ކުރިން ހިންގި މަޝްވަރާތަކަކީ ޕްރޮފެޝަނަލް، އިންސާފާ އެއްކޮށް ކުރި މަޝްވަރާތަކެއް ކަމަށެވެ.
އެގޮތުން ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި އެކަމާ ގުޅޭ 100 އަށްވުރެ ގިނަ މުއާމަލާތް، ލިޔުމުންނާއި އަނގަބަހުން ހިންގާފައިވާނެ ކަމަށާއި ދެކުންފުންނީގެ ދެމެދުގައި ސޮއިކުރެވިދާނެ އެއްބަސްވުންތަކުގެ ޑްރާފްޓުތައް ވެސް ބަދަލުކޮށްފައިވާނެ ކަމަށެވެ.
"10 ޑިސެމްބަރު 2017 ގައި އެމްއޭސީއެލްއިން ޓީއެމްއޭއަށް ފޮނުވާފައިވާ ސިޓީއެއްގައި އެމްއޭސީއެލްގެ ބޯޑުން ޓީއެމްއޭއަށް އާ ޓާމިނަލުން 31،000 އަކަމީޓަރު (އެމްއާރްއޯ ޖާގައާ އެއްކޮށް)، ފިކްސްޑް ކުލީގެ ގޮތުގައި އަކަމީޓަރަކަށް މަހެއްގެ މައްޗަށް 10.35 އެމެރިކާ ޑޮލަރުގެ ރޭޓުން އަދި ވޭރިއަބަލް ޗާޖެއްގެ ގޮތުގައި ފަސިންޖަރަކަށް ފަސް ޑޮލަރުގެ ރޭޓުން ވާ ގޮތަށް ދިނުމަށް ނިންމާފައިވާކަން ވަރަށް ސަރީހަ ބަހުން ބަޔާންކޮށްފައިވޭ." ޓީއެމްއޭއިން ބުނެ އެވެ.
އޭގެ އެއް ހަފްތާ ފަހުން ޑިސެމްބަރު 17 ވަނަ ދުވަހު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ބެއިން ކެޕިޓަލްގެ އިސްނެގުމުގެ މަތިން އިންވެސްޓަރުންގެ ކޮންސޯޓިއަމްއަކުން 500 މިލިއަން ޑޮލަރަށް ގަތް ވާހަކަ އިއުލާނު ކުރި ކަމަށް ޓީއެމްއޭއިން ބުނެ އެވެ.
"ޓީއެމްއޭއާއި އެމްއޭސީއެލްއާ ދެމެދު އާ ޓާމިނަލުން ޓީއެމްއޭއަށް ދެވޭނެ ޖާގައާއި ކުއްޔާއި އަދި ކޮންޓްރެކްޓުގެ މުއްދަތާ ގުޅޭގޮތުން ލިޔުމުން 'ވެވިފައިވާ އެއްބަސްވުމެއް އޮތް އޮތުމަކީ'ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ ގަތުމުގެ މުއާމަލާތް ފުރިހަމަ ކުރުމަށްޓަކައި އެންމެ ބޮޑު ބުރަދަނެއް ދެވުނު ކަން ކަމުގައި ބެއިން ކެޕިޓަލުން ދިވެހި ސަރުކާރަށް އޭރު ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވާނެ." އެ ބަޔާނުގައި ބުނެފައިވެ އެވެ.
ޓީއެމްއޭއިން ބުނީ ލިޔުމުން ވެވިފައިވާ އެ އެއްބަސްވުން ދޫކޮށްލަން ދިވެހި ސަރުކާރުން ނިންމައިފިނަމަ ބެއިން ކެޕިޓަލުން ކުރި އިންވެސްޓްމަންޓުގެ އަގަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެ ކަމަށެވެ.
މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ރާއްޖޭގައި އިންވެސްޓްކުރަން ވިސްނާ ބޭރުގެ ފަރާތްތައް ކަންބޮޑުވާނެ ކަމަށް ވެސް ޓީއެމްއޭއިން ބުނެ އެވެ.
މި މައްސަލައިގައި އިއްޔެ މާލިއްޔަތު ކޮމެޓީއަށް ވެސް ޓީއެމްއޭގެ އިސްވެރިން ހާޒިރުކުރި އެވެ.
ކޮމެޓީ ބައްދަލުވުމުގައި އާ ޓާމިނަލާ ގުޅޭގޮތުން އެމްއޭސީއެލްއާއެކު އެއްވެސް އެގްރީމަންޓެއްގައި ސޮއިކުރިތޯ ސުވާލު ކުރުމުން ޓީއެމްއޭއިން ބުނީ އެގްރީމަންޓެއްގައި ސޮއި ނުކުރާ ކަމަށާއި ނަމަވެސް ޓާމިނަލުން ދޭނެ ޖާގައިގެ ބޮޑުމިނާއި ކުލި ނަގާނެ ރޭޓު އެމްއޭސީއެލްއިން ލިޔުމުން އެކުންފުންޏަށް އެންގި ކަމަށެވެ.